އިންޑިއާގެ އެންމެ އަގުބޮޑު ފިލްމު 'އެވަޓާ'އަށް ވުރެ އަގުބޮޑު

'ޓައިޓޭނިކް' އަކީ، 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ބަޖެޓަކާ އެކު، މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމުގެ ގޮތުގައި އެތައް އަހަރެއް ވަންދެން މަޝްހޫރުވި ފިލްމެކެވެ. އޭރު އިންޑިއާގެ ފިލްމުތައް އެންމެ ބޮޑު ބަޖެޓެއްގެ ގޮތުގައި އޮތީ 10 މިލިއަން ޑޮލަރަށް ވުރެ ދަށުގަ އެވެ. އެކަމަކު އިންޑިއާގެ ސިނަމާ ކުރިއަރަމުން އަންނަ ވަރަކަށް މި ފަރަގު ވަނީ ކުޑަވެފަ އެވެ.
މިވަގުތު އިންޑިއާގެ އެންމެ އަގުބޮޑު ފިލްމުގެ ގޮތުގައި އޮތް 'ކަލްކީ'ގެ ބަޖެޓަކީ 70 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މި އަދަދު ވަރަށް އަވަހަށް ބަދަލުވާނެ އެވެ. އެއީ ބޮޑު ސްކޭލެއްގައި އުފައްދަމުން އަންނަ، ހޮލީވުޑްގެ 'އެވަޓާ' ފިލްމާއި 'އެވެންޖާސް' ފަދަ ޕްރޮޑަކްޝަންތައް ވެސް ކުޑަ ކުރާނެ ފިލްމެއް ވަރަށް އަވަހަށް ނުކުންނާނެތީ އެވެ.
ނަމިތު މަލްހޯތުރާ ޕްރޮޑިއުސްކޮށް، ރަންބީރު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ 'ރާމަޔަނާ' އަކީ 500 މިލިއަން ޑޮލަރުގެ ބަޖެޓެއް އޮތް ފިލްމެއް ކަމަށާއި މިއީ އިންޑިއާގައި އުފައްދާ އެއްވެސް ފިލްމަކަށް ވުރެ އެތައް ގުނައެއް އަގުބޮޑު އަދި ހޮލީވުޑްގެ ގިނަ ބަޖެޓްތައް ވެސް ފަހަނައަޅައި ގޮސްފައިވާ ފިލްމެއް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ނަމިތު މަލްހޯތުރާ ބުނިގޮތުގައި 'ސްލަމްޑޯގް މިލިއަނާ'، 'ގާންދީ' އަދި 'ލަޔަން' ފަދަ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ އިންޑިއާގެ ގިނަ ފިލްމުތަކުގައި އާންމުކޮށް އިންޑިއާ މީހުން ދައްކުވައިދީފައިވަނީ ފަގީރުކަން ނުވަތަ ތަކުލީފުގެ ޝިއާރުތަކުންނެވެ. ނަމަވެސް އެއީ އިންޑިއާގެ ސަގާފަތުގެ މުއްސަނދިކަން އެކަށީގެންވާ ގޮތެއްގައި ރަމްޒުކޮށްދޭ ވާހަކަތަކެއް ނޫން ކަމަށާއި މި އިހުސާސްތަކުގެ ސަބަބުން، ދުނިޔޭގެ މައިދާނުގައި 'ރާމަޔަނާ' ހުށަހަޅަން ބޭނުންވީ އިންޑިއާގެ ތަހުޒީބީ ތަރިކަ ޝަރަފުވެރިކަމާ އެކު ދެއްކުމުގެ މަގްސަދުގައި ކަމަށް އޭނާ ބުންޏެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތްވާ ނަމިތު މަލްހޯތުރާ އަކީ ޕްރޮޑިއުސަރު ނަރީޝް މަލްހޯތުރާގެ ދަރިފުޅު އަދި ސިނަމެޓޯގްރާފަރު އެމްއެން މަލްހޯތުރާގެ ކާފަދަރި އެވެ. ނަމިތު ވަނީ 1997 ވަނަ އަހަރު އޭނާގެ ބައްޕަގެ ފިލްމު ޕްރޮޑަކްޝަނާއި ކުއްޔަށް ދޭ ކުންފުންޏާ އެއްކޮށް 'ޕްރައިމް ފޯކަސް' އުފައްދައިފަ އެވެ. ޖުލައި 2014 ވަނަ އަހަރު ޕްރައިމް ފޯކަސް އިން އިނގިރޭސިވިލާތުގެ ވިޝުއަލް އިފެކްޓްސް ސްޓޫޑިއޯއެއް ކަމަށްވާ 'ޑަބަލް ނެގެޓިވް'އާ އެއްކޮށް 'ޑީއެންއީޖީ' އުފެއްދި އެވެ. އޭގެ ފަހުން އެ ކުންފުނިން ވަނީ ފިލްމު 'ބްލޭޑް ރަނާ 2049'، 'ޓެނެޓް' އަދި 'ޑިޔުން'ގެ ދެ ފިލްމަށް ވެސް ވިޝުއަލް އިފެކްޓްސް ހަދާފަ އެވެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި 'ޑީއެންއީޖީ' އަށް ހަތް ފަހަރެއްގެ މަތިން 'ބެސްޓް ވިޝުއަލް އިފެކްޓްސް' އެވޯޑާ އެކު ޖުމްލަ އަށް އޮސްކާ އެވޯޑް ވަނީ މިހާތަނަށް ލިބިފަ އެވެ.
ދެ ބަޔަކަށް ބަހާލައިގެން ނެރޭ 'ރާމަޔަނާ'ގެ ފުރަތަމަ ބައި ރިލީޒް ކުރާނީ 2026 ވަނަ އަހަރު އެވެ. އެ ފިލްމުގެ ކާސްޓުގައި ރަންބީރު ކަޕޫރުގެ އިތުރުން ޔާޝް، ސައި ޕައްލަވީ، ރަވީ ދުބޭ އަދި ސަނީ ޑިއޯލް ހިމެނެ އެވެ.
މި ފިލްމުގެ ސްކޯ ކޮމްޕޯޒަރުންގެ ގޮތުގައި މިއުޒިކުގެ ބޮޑެތި ތަރިން ކަމަށްވާ އޭއާރް ރަހުމާނާއި ހާންސް ޒިމާ މަސައްކަތް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ