ނުރައްކާ ބުނެދޭން ފުލުހުން މަގުތަކަށް: ލަސްވުމަށް ވުރެ ފުރާނަ މުހިންމު!

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ, މުޙައްމަދު އައުޒަމް އެކި ބޭނުންތަކަށް މާލެ އައިސް ގޮސް އުޅޭއިރު އެކްސިޑެންޓެއް ނުފެނި ގެއާ ހަމައަށް ދެވެނީ މަދު ދުވަހަކުއެވެ. ގިނަ ދުވަސް ދުވަހު މަގުމަތީގެ ކޮންމެ ވެސް ހާދިސާއެއް އޭނާއަށް ފެންނާނެއެވެ. އެކަމަކު މިއަދު އޭނާއަށް ފެނުނީ މާ ތަފާތު މަންޒަރެކެވެ. ހުޅުމާލެ ފޭސް ދެއަކުން އެކަކަށް އެރުމަށް ނިރޮޅުމަގުން ދުއްވާފައި ދަނިކޮށް ދެ ފިޔަވަހި ގުޅުވާލަދޭ ބްރިޖު ކައިރިއަށް ނުދެވި އުޅެނިކޮށް ކަންފަތުގައި ޖެހުނީ ކުރީން ނީވޭ އަޑެކެވެ. މީހަކު އަޑުގަދަކުރާއެއް ބޭނުންކޮށްގެން އިލްތިމާސްތަކެއް ކުރަނީއެވެ. އެ ދައްކާ ވާހަކަ ސާފު ނުވެ އުޅެނިކޮށް ދެން ކުއްލިއަކަށް ފެނުނީ, މަގުމަތީ ބާއްވާފައި އޮތް ދެ ސައިކަލެވެ. އޭގެ ކައިރީގައި ޕޯސްޓަރެއް ހިފައިގެން ފުލުހަކު ހުއްޓެވެ. "ލަސްވުމަށް ވުރެން ފުރާނަ މުހިންމު" ފުލުސް މީހާ ހިފައިގެން ހުރި ޕޯސްޓަރުގައި ލިޔެފައި ވަނީ މި މުހިންމު މެސެޖެވެ. އާއްމުކޮށް މަގުގެ އަމާންކަން ބަލަހައްޓަން ފުލުހުން ނުކުމެ ކުރާ ކަމަކީ ޓްރެފިކް މޮނީޓާ ކުރުމެވެ. އެކަމަކު އިއްޔެ އާއި މިއަދު ހުޅުމާލެއިން ތަފާތު ކަމެއް ފުލުހުންގެ ފަރާތުން އެބަ ފެނެއެވެ. އިއްޔެ ފުލުހުން ވަނީ އަޑުގަދަކުރާއެއް ވެހިކަލަކަށް އަރުވައިގެން ހުޅުމާލޭގެ އެކި ހިސާބުތަކުގައި ދަތުރުކޮށް, އެކްސިޑެންޓްތަކުގެ ނުރައްކާ ބުނެދޭން ފަށައިފައެވެ. "ކުރަމުންދާ ދެރަ އެންމެ ކަމަކުން ކުޑަކުޑަ މައުސޫމް ކުދިން ޔަތީމް ވެގެން އެބަ ދޭ. އާއިލާއަށްޓަކައި, މައިންބަފައިންނަށްޓަކައި, އެއްބަނޑު މީހުންނަށްޓަކައި. ޅަދަރީންނަށްޓަކައި މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން މުހިންމު." ފުލުހުން އަޑުގަދަ ކުރާ ބޭނުން ކޮށްގެން މުޅި ހުޅުމާލޭގައި ދުއްވަމުން ދިޔައީ މި އިލްތިމާސް ހަނދާން ކޮށްދެމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް އިއްޔެ ތަފާތުކޮށް މި ފެށި ހަރަކާތް ދެން ސިލްސިލާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ކުރިން ފުލުހުން މިފަދަ ޑެމޯ އެކްސިޑެންޓްތައް ދައްކާލަމުން ދިޔައީ އެކިއެކި ރޯޑްޝޯތަކާއި އިވެންޓްތަކުގައެވެ. ނަމަވެސް އެންމެ ފަހުން މިވަނީ މަގުތަކަށް ނުކުމެފައެވެ. މަގުތަކަށް ނުނިކުންނަންވީ ސަބަބެއް ނެތެވެ. އެކްސިޑެންޓްތައް ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު މަރުވެ, 16 އަހަރާއި 40 އަހަރުގެ ދެ މީހުން ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައެވެ. ތަފާސްހިސާބުތައް ބުނެދެނީ ނުރައްކާ ވާހަކައެކެވެ. ދެހާސް ބާވީސް ވަނަ އަހަރު އެކަނި ދިވެހި ފުލުހުންނަށް 1615 އެކްސިޑެންޓްގެ މައްސަލަ ހުށަހެޅިއެވެ. ޖެހިގެން އައި 2023 ވަނަ އަހަރު އެފަދަ 2300 މައްސަލައެވެ. އަދި، މިދިޔަ އަހަރު 2885 މައްސަލައެވެ. އަހަރަކަށް ފަހު އަހަރެއް ފަތުއަޑު ކިޔާފައި އެ ދަނީ އިތުރުވަމުންނެވެ. މި އަހަރު އަދި ދެބައިވިއިރު 1614 އެކްސިޑެންޓް ހިނގައިފިއެވެ. މި އެކްސިޑެންޓްތަކުގައި ދެ ޖިންސުގެ ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. ބޮޑެތި އަނިޔާތައްވެ، މީހުން ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ވެސް ގޮސްފައި އެބަހުއްޓެވެ. އެކްސިޑެންޓްތައް މަދު ކުރުމަށް ހުޅުމާލޭގެ މަގުތަކަށް މި ފަހުން ވަނީ ގިނަ ބަދަލުތަކެއް ވެސް ގެނެސްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ތަޖުރިބާކޮށް އެކަމުގެ ރަނގަޅު ނަތީޖާ ފެނިފައިވާ, ރައުންޑްއެބައުޓްތައް ހެދުން ހިމެނެއެވެ. އަދި ފުލުހުން މަގުތަކުގައި ފޯރިމަރާވަރު ވަނީ އިތުރު ކޮށްފައެވެ. ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު ކުރިން ސަން އަށް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވާން މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ، ސަރަހައްދަށް އެކަށީގެންނުވާ ވަރަށް ވެހިކަލްތަކުގެ އަދަދު ގިނަވުމާއި، އެ ވެހިކަލްތައް ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުންނެވެ. ޚާއްސަ ގޮތެއްގައި އެންމެ ބޮޑު މައްސަލައަކީ ދެ އުޅަނދު ދެމެދު ހުންނަންޖެހޭ ދުރުމިން ނުބަހައްޓާ ދުއްވުން ކަމަށް އަސްލަހު ވިދާޅުވިއެވެ. "އެކްސިޑެންޓެއް ވެއްޖިއްޔާ ދެން ހަމަ ފަހަތުން ބަރިއަކަށް އެބަދޭ. އެހެން އެ ވަނީ ގަވައިދުގައި އެ ބުނާ ދުރުމިން ނުބަހައްޓާ ދުއްވޭތީ. ދެ އުޅަނދު ވެސް މަގުގެ ކަނާއަތް ފަޅިއަށް ޖެހިގެން ސެންޓާއިން ދުއްވައިގެން ދެ އުޅަނދު ދެމެދު ޖެހިގެން މި ކަހަލަ އެކްސިޑެންޓުތައް ވެސް ހިނގާފައި އެބަހުރޭ،" އަސްލަހު ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަނީ އަޅުގަނޑު މި ބުނިހެން އެކަށީގެންނުވާ އަދަދަކަށް ވެހިކަލްތައް ގިނަވުމާއި، މި ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުގެ ސަބަބުން،" https://www.sun.mv/208575 އަސްލަހު ވިދާޅުވި ގޮތުގައި މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މީހުންނަށްދޭ އަދަބު މިހާރަށް ވުރެ ހަރުކަށިކުރަން ޖެހެއެވެ. ދެހާސް ހަވަނަ އަހަރު "ނައިޓް ކޯޓް" ހަދައިގެން ވަގުތުން އަދަބު ދެމުންދިޔައިރު އެ ނަތީޖާ ފެނުނު ކަމަށް އަސްލަހު ވިދާޅުވިއެވެ. ނަމަވެސް، 2009ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު، ގަވައިދާ ޚިލާފުވެގެން ތަކުރާރުކޮށް ޖޫރިމަނާކޮށްގެން ކުށް މަދުވިތަން ނުފެންނަ ކަމަށް އަސްލަހު ވިދާޅުވިއެވެ. "ދެން އޭރު ހަމަ ވަރަށް ބޮޑަށް [ނުރައްކާތެރިކޮށް ދުއްވާ މީހުން] ކޮންޓްރޯލްވި. އޭރު ދެން މި އަންނަނީ ޖަލު ހުކުމްތަކަކާއި ޖޫރިމަނާތަކާ މިފަދަކަންތައްތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ހަރުދަނާ ނިޒާމެއް މިހާރު ވެސް އަންނަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނުރައްކާތެރިކޮށް މިއުޅޭ ފަރާތްތަކަށް މިފަދަ [ހަރުކަށި އަދަބު]ތަކެއް އަންނަން ޖެހޭ," އަސްލަހު ވިދާޅުވިއެވެ. މިއަދު ހެނދުނު ފުލުހުންގެ މި ތަފާތު އަމަލު ފެނުނު އައުޒަމް ވެސް ބުނަނީ ހަމަ އެ ވާހަކައެވެ. "ދުއްވާ މީހުން އެވެއާ ނުވެގެނެއް ނޫން މިއުޅެނީ، ބާރަށް ދުއްވައިގެން ވާ އެކްސިޑެންޓުތައް މަދު ނުވަނީ ތަންފީޒު ނުކުރެވޭތީ، ބާރަށް ދުއްވާ މީހާއަށް ހަރުކަށި އަދަބު ދޭނަމަ ބާރަށް ދުއްވާ މީހުން މަދުވާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ