ޗައިނާގެ ޒަމާނީ ފައިޓާޖެޓްތައް އީރާނަށް ފޯރުކޮށްދޭތީ އެމެރިކާ ރަތަށް!
ބެއިޖިން (13 ޖުލައި 2025): ޗައިނާއިން އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ J-10 އިރާނަށް ފޯރުކޮށްދޭތީ އެކަމާ ދެކޮޅަށް އެމެރިކާ ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. "މިޑްލްއީސްޓް އައި" އަދި "ޑިފެންސް ނިއުސް" ފަދަ ނޫސްތައް ބުނާގޮތުން މި މައްސަލައިގައި އެމެރިކާ ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރި ނަމަވެސް އެ ފިއްތުންތަކަށް ޗައިނާގެ މާބޮޑު އަޅާލުމެއް ނެތެވެ. އިސްރާއީލު ވަނީ އީރާނަށް ދިފާއީ ހަތިޔާރު ދިނުމަކީ މުޅި ސަރަހައްދަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ބުނެ ޗައިނާއަށް އިންޒާރު ދީފައެވެ. ނަމަވެސް އިސްރާއީލަކީ ޗައިނާއާ ދެކޮޅަށް މާބޮޑު ކަމެއް ކުރެވޭ ވަރަށްވުރެ ކުޑަ އަދި ޗައިނާއަށް ހަގީގީ ފިއްތުމެއް ކުރެވޭވަރުގެ އުރަތްޕެއް ހުރި ގައުމަކަށް ނުވާތީ މި މައްސަލައިގައި ޗައިނާއާ ދެކޮޅަށް އިސްރާއީލަށް ކުރެވެންނެތްކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އީރާނަކީ ޗައިނާއަށް ގޭހާއި ތެޔޮ ފޯރުކޮށްދޭ އެންމެ މުހިއްމު އެއްގައުމެވެ. އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ޗައިނާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ޗައިނާއާ ސްޓްރެޓީޖިކް ގޮތުން ގުޅުން އޮންނަ ގައުމުތަކަށް އެ ގައުމުން އުފައްދާ އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދޭނެކަމަށާއި އެއީ ޗައިނާ ނޫން ގައުމުތަކުން ވެސް ކުރާކަމަކަށްވާތީ ޗައިނާ ކުރާ ކަންކަން އެހެން ގައުމުތަކަށްވެސް ނުހުއްޓުވޭނެކަން ހާމަކޮށްފައެވެ. އެމެރިކާގެ ޑިޖިޓަލް ސިނާއަތަށް ބޭނުންވާ ރެއާ މިނެރަލްސް އެންމެ ގިނައިން ފޯރުކޮށްދޭ ގައުމަކީ ޗައިނާ ކަމަށް ވުމުގެ އިތުރުން ބައިނަލްއަގްވާމީ އިގްތިސާދުގައި ޗައިނާގެ ބާރާއި ނުފޫޒު ގަދަކަމުން ޗައިނާއާ ދެކޮޅަށް މާބޮޑު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަކީ މިހާރު އެމެރިކާއަށް ފަސޭހަ ކަމެއްނޫނެވެ. ޗައިނާއިން ފާޅުކަން ބޮޑުގޮތެއްގައި އީރާނުގެ ތެލާއި ގޭސް ގަންނަމުންދާއިރު ވެސް އެމައްސަލާގައި ޑިޕްލޮމެޓިކް ގޮތުން އިންޒާރުތައް ދިނުން ފިޔަވައި މާ އޮއްޓަރު ހުރިކަމެއް ޗައިނާއާ ދެކޮޅަށް ކުރާކަމަށް އެމެރިކާއަކަށް ޖެހިލުންވެއެވެ. ޗައިނާއިން އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ J-10ގެ 40 ޖެޓް އެގައުމުން އީރާނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށްވެއެވެ. މީގެއިތުރުން ޗައިނާގައި އުފައްދާ އެންމެ އެޑްވާންސް ވައިގެ ދިފާއީ ނިޒާމެއް ކަމަށްވާ އެޗްކިޔު 22 އީރާނަށް ފޯރުކޮށްދިނުމުގެ ތައްޔާރީތައްވެސް ދެގައުމުން ކުރިޔަށް ގެންދާކަމަށްވެއެވެ. މިހާތަނަށް މެދުއިރުމަތީގެ ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ގައުމަކީ އެމެރިކާ ކަމަށްވާއިރު ގަލްފުގެ އެންމެ ބޮޑު އަދި އަސްކަރީ ގޮތުން އެންމެ ބާރުގަދަ ގައުމު ކަމަށްވާ އީރާނަށް ޗައިނާއިން ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަކީ އިސްރާއީލުގެ އިތުރުން އެއީ ސްޓްރެޓީޖިކް ގޮތުން އެމެރިކާއަށްވެސް ކުރިމަތިވާ ބޮޑު ގެއްލުމެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ. މިއީ ޒަމާނުއްސުރެ އެމެރިކާ މޮނޮޕޮލީ ކޮށްގެން އޮތް މެދުއިރުމަތީގެ ހަތިޔާރުގެ މާކެޓަށް ޗައިނާ ސީދާ ގޮތެއްގައި ވަނުންކަމަށް މުހައްލިލުން ސިފަކުރައްވައެވެ. އިސްރާއީލުވަނީ ޗައިނާގެ ޒަމާނީ ހަތިޔާރުތައް އިރާނަށް ލިބުމަކީ މެދުއިރުމަތީގެ ގައުމުތަކުގެ ސަލާމަތަށާއި އެސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ވާހަކަދައްކާފައެވެ. ނަމަވެސް މެދުއިރުމަތީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ އިސްރާއީލުންނެވެ. ގައުމުތަކަށް އިސްވެ ހަމަލާދީ އަރައިގަންނަނީ އިސްރާއީލުންނެވެ. މީހުން މަރައި ގައުމުތައް އިސްތިއުމާރުކޮށް ނިއުކްލިޔާ ހަތިޔާރުފަދަ ނުރައްކާތެރި ހަތިޔާރު އުފައްދައި އެއިން ގައުމުތަކަށް ބިރު ދައްކައި ބުލީކުރަނީ އިސްރާއީލުންނެވެ. ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހާ ގައުމަކީވެސް އިސްރާއީލެވެ. މުޅި ދުނިޔޭގެ ކުރިމަތީގައި އިސްރާއީލުގެ ހަރުކަށި އަމަލުތަކާއި ޓެރަރިޒަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި ގަތުލުއާންމުތައް ފާޅުކަން ބޮޑު ގޮތެއްގައި ސްޕޮންސާކޮށް އެޖަރީމާތައް ހިންގަން އިސްރާއީލަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އިސްރާއީލާއި އެމެރިކާ އަދި ޔޫރަޕް ވެސް މަސައްކަތް ކުރަމުން ގެންދަނީ މެދުއިރުމަތީގައި އިސްރާއީލު ފިޔަވައި އެނޫން އެއްވެސް ގައުމެއްގައި ބާރެއް އާރެއް ހުރި ހަތިޔާރެއް ހުރުމުގެ ފުރުސަތު ނުދިނުމަށެވެ. އިސްރާއީލާއި އެެމެރިކާއާއި ޔޫރަޕް ދެކޭގޮތުގައި ނިއުކްލިޔާ ހަތިޔާރުވެސް އަދި އެނޫން ހަތިޔާރުވެސް ހުންނަންޖެހޭނީ ހަމައެކަނި އިސްރާއީލު އަތުގައެވެ. އެއީ އިސްރާއީލު ބޭނުންވާ ކޮންމެ ގައުމަކަށް ހަމަލާދީ އުދުވާން ހިންގައި ގައުމުތަކުގެ ބިންތަކަށް ވެރިވެގަތުމުގެ ފުރުސަތު އިސްރާއީލަށް ލިބޭނީ އެހެން ގައުމުތަކަށް ވުރެ އިސްރާއީލު ވަރުގަދަވެގެން ކަމަށްވާތީއެވެ. އެހެން ގައުމުތަކަށް ވުރެ އިސްރާއީލު ވަރުގަދަވެގެންނޫނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އިސްރާއީލަށް ނޯވެވޭނެކަމަށް އެމެރިކާއާއި ޔޫރަޕް ދެކެއެވެ. އިސްރާއީލަކީ ހުޅަނގުން ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ ޣައިރުގާނޫނީ އިސްތިއުމާރީ އެންޓިޓީއެކެވެ. ޗައިނާއިން އީރާނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ އެއް ބޭނުމަކީ އިސްރާއީލާއި އެމެރިކާ ބޭނުންކުރާ އެމެރިކާގެ ހަތިޔާރުގެ ކުރިމަތީގައި ޗައިނާގެ ޒަމާނީ ހަތިޔާރުގެ ގާބިލްކަން ދެނެގަތުންކަމަށްވެސް ވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ