ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުވައިތުގެ ގައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުވައިތުގެ އަމީރު ޝައިހް މެޝާލް އަލްއަހުމަދު އަލްޖާބިރު އަލްސަބާހުއަށާއި، ބޮޑުވަޒީރު ޝައިހް އަހުމަދު އަބްދުﷲ އަލްއަހުމަދު އަލްސަބާހުއަށް، މަރުހަބާ ވިދާޅުވެ، ތަހުނިޔާ ފޮނުއްވައިފިއެވެ.
ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައި، ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އަދި ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމަކީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، ދެ ގައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން މި ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ދެ ގައުމުގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބައާއި ތަނަވަސްކަމަށް މަންފާކުރަނިވި ގޮތެއްގައި، ދެ ގައުމުގެ މެދުގައި އުފެދިފައިވާ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.
ރައީސް ވަނީ ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ކުވައިތުގެ ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ.
މި ދެ މުނާސަބަތާ ގުޅުވައިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ލިބެމުންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ފުރުސަތުތަކެއް އޮތްކަމަށް ގަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ކުވައިތުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ގައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.
ކުވައިތުގެ ގައުމީ ދުވަހާއި މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ