މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަން ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.
މެމްބަރު މުހައްމަދު އިބްރާހިމް ސުވާލުކުރެއްވީ ކުރިން އަމިއްލައަށް ހަރަދު ބަލަހައްޓަމުން އައި ކުންފުނި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ބަޖެޓް ސަޕޯޓަށް ބަރޯސާވާ ކުންފުންޏަކަށް ބަދަލުވީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންސްއާ ގުޅިގެންތޯއެވެ. މި ސުވާލަށް ސީދާ ޖަވާބެއް މޯލްޑިވިއަންއިން ސާފުކުރަން އެދިވަޑައިގަތުމަށްފަހު އަމީން ވިދާޅުވީ މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަޖެޓު ސަޕޯޓު ބޭނުންވާނެ ކަމަށެވެ.
"މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަޖެޓު ސަޕޯޓު ބޭނުންވާނެ. އެއީ ހަމައެކަނި ރާއްޖޭގައި އޮންނަ އުސޫލެއް ނޫން، އެހެން ގައުމުތަކުގައި ވެސް ފެންނާނެ މީޑިއާއިން، އިންޑިއާގެ ބޮޑެތި އެއާލައިންތަކަށް ވެސް ވަރަށް ބޮޑެތި ސަޕޯޓު ދޭ،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކެޕިޓަލް އިންވެސްޓްމަންޓަށް ބަޖެޓުން ސަޕޯޓު ދިނުމަކީ ކުންފުނީގެ މާލިއްޔަތަށް ޖުމްލަކޮށް ގެއްލުންވަމުން ދިއުމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ގައުމީ އެއާލައިންގެ ސަބަބުން ޓޫރިޒަމަށާއި ރައްޔިތުންގެ ދަތުރުފަތުރަށް ލިބޭ ލުއިފަސޭހައިގެ ތެރެއިން އަންނަ އިކޮނޮމިކް ކޮންޓްރިބިއުޝަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ އަމީން މިއަދު މަޖިލީހުގައި ވިދާޅުވި ގޮތުގައި ވައިޑް ބޮޑީ އޮޕަރޭޝަންސްގެ ކުރިއެރުންތަކަށް ބަލާއިރު، މިވީ 16 މަސްދުވަހުގެ ތެރޭގައި ޖުމްލަ 67,000 މީހުން ވަނީ މި މަތިންދާބޯޓުތަކުގައި ދަތުރުކޮށްފަ އެވެ. އޭގެ ތެރޭގައި 55,000 ފަތުރުވެރިންނާއި، ހައްޖާއި އުމްރާގެ ދަތުރުތަކުގައި ބައިވެރިވި ދިވެހިން ހިމެނެ އެވެ. މޯލްޑިވިއަނުން މިހާރު ގެންދަނީ ޗައިނާގެ ތިން މަންޒިލަކަށާއި، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި ބަންގްލަދޭޝްއަށް ވައިޑް ބޮޑީ އެއާކްރާފްޓްތަކުގައި ދަތުރުތައް ކުރަމުންނެވެ.
ދައުލަތުގެ ބަޖެޓުން މޯލްޑިވިއަންއަށް ފައިސާ ދިނުމަކީ މައްސަލައެއް ނޫން - އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ