ޢާއްމުންނަށް ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން "އިންވެސްޓްމަންޓްސް"ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް ހަދައިފިއެވެ.
މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ "ޗެޓް ވިތު ސީއީއޯ"ގެ ނަމުގައި ބީއެމްއެލްއިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ޙަފްލާގެ ތެރެއިންނެވެ.
ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ.
މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ޚިދުމަތަކާއެކު ކޮންމެ މީހަކަށްވެސް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކޮށް ފައިދާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި މިއީ ބޭންކުން ކުރާ މުއާމަލާތްތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަށްޓަކާ، އިތުރު އިންވެސްޓަރުން ހޯދުމުގެ ބޭނުމުގައި ތަޢާރަފުކުރި ޚިދުމަތެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.
"ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅުފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް މިދެނީ. މީގެ ސަބަބުން ބޭންކަށް ޑޮލަރުލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑުޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިޔުން." ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ އަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެފައިވާކަމަށެވެ. އަދި އެވްރެޖްކޮށް މަހަކަށް 39.3 މިލިޔަން ޑޮލަރު ވިއްކަމުންދާކަމަށާއި، މި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު 2 ގުނައަށްވުރެވެސް ބޮޑުވެފައިވާކަމަށެވެ.
މި ޙަފްލާގައި ވަނީ "އިންވެސްޓްމަންޓްސް" ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލާފައެވެ. މި ޚިދުމަތާއެކު ޑޮލަރު އިންވެސްޓްކުރާ ކަސްޓަމަރުންނަށް %25 ފައިދާ ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި އެ ދުވަހަކު އިންވެސްޓްކުރާ ޑޮލަރަށް ވާ ދިވެހި ރުފިޔާ ވަގުތުން ޖަމާކޮށްދޭއިރު، އެއަށްޖެހޭ ފައިދާވެސް މުއާމަލާތް ފުރިހަމަވުމުން ޖަމާކޮށްދޭނެކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ