ގައުމުގެ ހުންގާނު ވަނީ މަރުމޯލެއްގެ އަތްމައްޗަށް ދޫވެފާ: ޑރ. އިޔާޒު

އެމްޑީޕީގެ މިހާރު އޮތް ލީޑަރޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅުހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރ އިބްރާހީމް މުހައްމަދު ގޮވާލި ގޮވާލުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހޫނު ރައްދެއް ދެއްވައިފިއެވެ. 
ޑރ. އިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސޫރަތުލް މާއިދާގެ 8 ވަނަ އާޔަތުގެ މާނާގައިވެއެވެ. "ތިޔަބައިމީހުން ބަޔަކު މީހުންނާއި އޮންނަ ރުޅިވެރިކަމެއް އެއީ އަދުލުވެރި ނުވުމުގެ މައްޗަށް ބާރު އަޅާ ކަމެއް ކަމުގައި ނުހަދާށެވެ."
ޑރ. އިޔާޒު ވިދާޅުވާ ގޮތުގައި "އަނެއްކޮޅުން މީސްތަކުންގެ ހިތްފަޅާފައި ބަލާކަށް އިސްލާމްދީނުގައި އަންގަވާފައެއް ނުވެއެވެ." 
އިސްލާމީ ތާރީހުން މިސާލު ޖައްސަވަމުން ޑރ. އިޔާޒު ވިދާޅުވެފައިވަނީ ހަނގުރާމައެއްގެ ތެރޭގައި ކާފަރެއް ގަތުލުވެދާނެހެން ހީވުމުން ޝަހާދަތްކީ ކަމަށާއި އޭނާ ޝަހާދަތްކީ މަރަށް ބިރުންކަމަށް ވިދާޅުވެ ސަހާބީ އޭނާ ގަތުލުކުރެއްވި ކަމަށެވެ. ނަމަވެސް، އެ ހަބަރު ރަސޫލާއަށް ލިބިވަޑައިގަތުމާއިއެކު އެކަމަށް ވަރަށް ބޮޑަށް އިންކާރު ކުރައްވާ ހަދީސް ކުރެއްވި ކަމަށް ވިދާޅުވީ "ތިބާ އޭނާގެ މޭމަތި ފަޅައިގެން ބެލީ ހެއްޔެވެ؟" މިފަދައިންނެވެ. 
ވީމާ، ހެޔޮބަހެއް ބުނިމީހާގެ ނިޔަތް ބަލާކަށް ނުޖެހޭނެކަމަށާއި އޮތީ ހެޔޮހިތުން ގަބޫލުކުރުމާއި ޒާތީ ނުވުން ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވި ގޮތުގައި މިވަގުތު މިއުޅެނީ ގައުމުގެ ހުންގާނު މަރުމޯލެއްގެ އަތްމައްޗަށް ދޫވެގެންނެވެ. އެކަން އެހެންވީ އިބްރާހީމް ޖަނާބު ( މެންބަރ އިބްރާހީމް މުހައްމަދު) މެންފަދަ ބޭފުޅުން އިސްލާމީ އުސޫލުތައް ދޫކޮށް ގޯތި ކުއްޖަކު ތަހުތުގައި ބެހެއްޓުމަށް ހެދި ބުހުތާނު ދޮގުތަކާއި، ކުރި ނުބައި އަމަލުތަކުގެ ސަބަބުން ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ. 
ޑރ. އިޔާޒްގެ ވާހަކަފުޅަށް ތާއީދު ކުރައްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވަނީ ކޮންމެ މީހަކު ވިޔަސް ހެޔޮ އެއްޗެއް ބުނެފިއްޔާ އޭގައި ހިފަންވާނެ ކަމަށާއި މިއީ މުސްލިމުން ކަމަށެވެ.
ހައްގުބަހެއް ބުނި މީހާގެ ޕާޓީއަކާ ކުލައަށް ބަލާކަށް ނުޖެހޭނެ ކަމަށާއި ކޮންމެ މީހަކު ބުނިކަމުގައި ވިޔަސް ހެޔޮ ބަހަކީ ހެޔޮބަސް ކަމަށް ޝައިހު އަލީ ޒައިދު ވިދާޅުވެއެވެ. އިމާމް އަބޫހުރައިރަާ އަށް ޝައިތާނާ، އާޔަތުލް ކުރުސީ ކިޔަން ބުނި ހާދިސާ ހެއްކަކަށް ފުދޭ ކަމަށްވެސް ޖަނާބަށް ދެއްވި ރައްދެއްގެ ގޮތުގައި ޝައިހު އަލީ ޒައިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ