މޭމަހު ޒަކާތުގެ ހަތަރުބައިކުޅަ ތިންބައި ހޭދަކުރީ ބޭސްފަރުވާގެ އެހީއަށް

މިދިޔަ މޭމަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ.
ޒަކާތުހައުސިން ހާމަކުރި ތަފާސްހިސާބުތައް އެކުލަވާލާފައި ވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާގެ، އެސް.އޭ.ޕީ ސިސްޓަމްގައިވާ ޒަކާތު ފަންޑަށް ލިބުނު ފައިސާއާއި ހޭދަތަކުގެ ރެކޯޑުތަކަށް ބަލައިގެންނެވެ.
މޭމަހު ޒަކާތުގެ ގޮތުގައި 7.59 މިލިޔަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން 2.7 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ. ޒަކާތު ފަންޑުން މޭމަހު ފަގީރުންނާއި މިސްކީނުންނަށް، 1.48 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެތެރެއިން، 1.45 މިލިޔަން ރުފިޔާ ބޭސްފަރުވާއަށް ދޫކޮށްފައިވާއިރު، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވާ ފަރާތްތަކަށް 31000 ރުފިޔާ ދޫކޮށްފަވެއެވެ.
ފީސަބީލިﷲ މަޝްރޫއުތަކަށް ދިން އެހީއަށް ބަލާއިރު، ތަޢުލީމީ، ދީނީ އަދި ޢިލްމީ މަސައްކަތްތަކަށް 1 މިލިޔަނައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ޤުރްޢާނުގެ ޢިލްމު ފެތުރުމަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ، އިސްލާމީ ފޮތްތަކާއި ތަޢުލީމީ ތަކެތި ތަރުޖަމާކުރުމަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ އަދި މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,000 އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މޭމަހާއި އަޅާ ބަލާއިރު، ޒަކާތް ބަލައިގަތް މިންވަރަށް ވަނީ އިތުރުވެފައެވެ. މި އަހަރު ޒަކާތު ފަންޑަށް ބަލައިގަނެފައިވަނީ 7.59 މިލިޔަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މޭ މަހު ޒަކާތުގެ ގޮތުގައި ލިބުނު 4.33 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، %75.3 ގެ އިތުރުވުމެކެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުވުމަކީ، ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުންގެ ހޭލުންތެރިކަމަށް ރަނގަޅު ބަދަލުތަކެއް އައިކަމުގެ ހެއްކެއްކަމަށެވެ.
ޒަކާތު ފަންޑުން ފައިސާ ދޫކުރަމުން ދަނީ، އިސްލާމީ ޢިލްމު ކުރިއެރުވުމަށާއި، ތަޢުލީމަށް އެހީތެރިވުމުގެ އިތުރުން ދީނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ