އިތުރު 44 މީހަކަށް ހިމަބިހި ޖެހިއްޖެ؛ ޖުމްލަ 66އަށް

މިދިޔަ ހަފުތާގައި އިތުރު 44 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން މިއަދު ބުނެފި އެވެ. އެއާ އެކު، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 66އަށް އަރައިފަ އެވެ.
ވީ ކިހިނެއް؟ - މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ތަފްސީލް - އެޗްޕީއޭން ބުނީ ހިމަބިހީގެ 44 ކޭސް ވެސް ފެނުނީ މާލެއިން ކަމަށެވެ.
ހިމަބިހި އަލުން ފެތުރެން ފަށާފައިވާތީ ބަލިން ރައްކާތެރިވުމަށް 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދޭން ވަނީ ފަށައިފަ އެވެ.
އެޗްޕީއޭން ބުނީ ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. އެގޮތުން:
މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ މާފަންނުގައި ހުންނަ އާބަން ހެލްތު ކެއާ ކްލިނިކުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުން
އަތޮޅު ތެރޭގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެ ވަގުތާއި ތާރީހު އާންކުރާނީ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން
އެނގުން މުހިއްމު - ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:
ހުން އައުން
ރޯގާ ޖެހުން
ކެއްސުން
ލޯ ރަތްވުން
ހަމުގައި ރަތް ބިހިތަކެއް ނެގުން
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސީ، ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިޔުމުން ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. މީގެ އިތުރުން ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައަށް އަތްލެވިއްޖެ ނަމަ ވެސް ބަލީގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނާއި ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
އެޗްޕީއޭން ބުނީ:
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް
ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް
ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް
ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ