ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު ސެކިއުރިޓީ ނުދޭން ސަލާމަތީ ކޮމިޓީން ނިންމައިފި
ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު، އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ. މަޖިލީހުގެ 241 ކޮމިޓީގައި އިއްޔެ ވަނީ 'އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު' އިސްލާހުކުރަން ހުށަހަޅައިފައެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސިއްރުން ކަމުން، އުސޫލާ ގުޅޭ ތަފުސީލުތައް ޔަގީންވެފައިނުވެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ އިސްލާހަށް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ތާއިދުކުރެއްވިއިރު، ތިން މެންބަރަކު އިސްލާހާ ދެކޮޅަށް ވޯޓު ދިނެވެ. އެގޮތުން އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. ކުރީގެ ރައީސުންނަށް މުޒާހަރާތަކުގައި ސެކިއުރިޓީ ނުދޭން ކޮމިޓީން ފާސްކުރިއިރު، މިދިޔަ މެއި މަހު، ކުރީގެ ތިން ރައީސުން ވަނީ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވެވަޑައިގެންފައެވެ. އެއީ ކުރީގެ ރައީސުން، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ޞާލިޙެވެ. https://sun.mv/222054 އެ ތިން ބޭފުޅުން ވެސް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، އެމްޑީޕީއާއި ޔާމީންގެ ޕީއެންއެފުން ވެސް މާލޭގައި މުޒާހަރާތައް ބާއްވައެވެ. އަދި ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް މި މަހު އިންތިޚާބުވެފައިވާއިރު، އެ މަނިކުފާނު ވަނީ އެ ޕާޓީގެ އެއްވުންތައް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ