ޖަތުބާތުގައި ޖެހިގެން މުސްތަގުބަލާ ގުޅޭ ނިންމުމެއް ނުނިންމާނަން: ކޫމަން

ނުއޭވޯ ލެއޯން، މެކްސިކޯ (ޖޫން 30) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ކެޓުމުގެ މާޔޫސްކަން އެބަހުރި ކަމަށާއި އެކަމަކު މިއީ އެ ހިތްދަތި ކަމުގެ ތެރޭގައި ޖަޒުބާތުގައި ޖެހިގެން މުސްތަގުބަލާ ގުޅޭގޮތުން އަވަސް ނިންމުމެއް ނިންމަންޖެހޭ ވަގުތެއް ނޫން ކަމަށް ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ބުނެފި އެވެ. 
ކޯޑީ ގަކްޕޯގެ ގޯލުން ދެ ވަނަ ހާފުގައި ނެދަލެންޑްސް އިން ލީޑުނެގިއިރު، މޮރޮކޯ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި އީސާ ދިއޮޕް ޖެހި ގޯލުންނެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ނެދަލެންޑްސް ބަލިވީ 3-2 އިންނެވެ. 
އެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން އަށް އެންމެ ފުރަތަމަ ވެސް ސުވާލު އަމާޒުވީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުންނެވެ. އެ ގޮތުން، ކޫމަން ގާތުގައި ނެދަލެންޑްސް އަށް ނިސްބަތްވާ ނޫސްވެރިއަކު ސުވާލުކުރީ މަގާމުން އިސްތިއުފާ ދޭން ހުށަހަޅައިފިންތޯ އެވެ. 
"ނޫން އަދި (އިސްތިއުފާ ދޭން) ހުށައެއް ނާޅަން. އަހަރެން މި ދަނީ މުސްތަގުބަލާ މެދު ވިސްނަމުން. މިއީ ހަމަ މެޗެއް ނިންމާލި ގޮތަށް މުޅި ސިކުނޑީގައި މާޔޫސްކަމުގެ އިހުސާސްތައް ހަރުލާފައި ހުރި ވަގުތެއް. އަހަރެން މި ދަނީ ވިސްނަމުން، ފަހަރެއްގައި މާދަމާ ހެނދުނު ވެސް ގޮތެއް ނިންމަފާނަން،" ތިން އަހަރާއި ބައިގެ މުއްދަތެއްގައި މި ވަގުތު ނެދަލެންޑްސް ކޯޗަކަށް ހުރި ކޫމަން ބުންޏެވެ. 
މޮރޮކޯއާ ދެކޮޅަށް ރޭ ނެދަލެންޑްސް އިން ފަސް ޑިފެންޑަރުން ލައިގެން ފުރަތަމަ އެގާރަަ ނެރެން ކޫމަން ނިންމި ނިންމުމަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. ކޫމަން ބުނީ، ކޮންމެ މީހަކަށް ވެސް އަމިއްލަ އަށް ބޭނުންވާ ގޮތަށް ވިސްނުމުގެ އިހުތިޔާރު އެބައޮތް ކަމަށެވެ. އެކަމަކު، އެއީ އޭނާ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރެ ވިސްނަން ޖެހޭ ގޮތާ ތަފާތު މަގާމެއްގައި ތިބެ، ވިސްނާ ގޮތްތަކަށް ވުމުން އެކަމަށް ފަރުވާލެއް ނެތް ކަމަށް ކޫމަން ވަނީ ފާހަގަކޮށްފަ އެވެ. 
"ހަމަ ފާޑުކިޔަންވީ. އެއީ ތި މީހުންގެ ހައްގެއް. ތި މީހުން މެޗު ބަލަނީ ދަނޑުގެ އެއް ފަރާތުގައި ތިބެ. އަހަރެން މި ހުރީ ޓީމާ އެކު. އަދި އެއް ފަހަރު އެކަން ކުރަން (އެ މެޗު ކުޅެން ޖެހުނަސް) އަހަރެން ނެރޭނީ އެ ޓީމު،" ހިތްހަމަނުޖެހި ހުރެފައި ކޫމަން ބުންޏެވެ. 
ކޫމަންގެ ކޮންޓްރެކްޓް އޮތީ އަންނަ މަހުގެ ނިޔަލަށެވެ. އެކަމަކު، އޭނާ މި ވޯލްޑް ކަޕަށް އައިއިރު، ނެދަލެންޑްސްއާ އެކު، 2028 ގެ ޔޫރޯގެ ނިޔަލަށް މަޑުކުރަން އެއްބަސްވުން އާ ކުރަން ދިޔައީ މަޝްވަރާ ކުރަމުންނެވެ. 
ރޭގެ މެޗަށް ފަހު، ނެދަލެންޑްސްގެ ފުރަތަމަ އެގާރައާ ބެހޭގޮތުން، މޮރޮކޯގެ ކޯޗު މުހައްމަދު އުއާބީއާ ވެސް ވަނީ އަމާޒުވެފަ އެވެ. އޭނާ ބުނީ، ނެދަލެންޑްސްގެ ފުރަތަމަ އެގާރަ ފެނުނީ ހީކުރި ގޮތާ ހިލާފަށް ވަރަށް ޑިފެންސަށް ވިސްނާފައި އޮތް ގޮތަަކަށް ކަމަށެވެ. އަދި، ނެދަލެންޑްސް އިން އާންމުކޮށް ކުޅޭ ގޮތާ ހިލާފަށް އޮތް ފޯމޭޝަނަކަށް ކުޅެން އެ ޓީމުން މި މެޗުގައި ކުޅެން ނިންމުމުން ހަގީގަތުގައި މޮރޮކޯ އަށް މެޗުގެ ކޮންޓްރޯލް ނަގަން ފަސޭހަވި ކަމަށް އުއާބީ ވަނީ ބުނެފަ އެވެ. 
 މޮރޮކޯ އިން މުބާރާތުގެ ގަދަ 16 ބުރުގައި ކުޅޭނީ، ކެނަޑާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ