ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސަޢީދު ވިދާޅުވީ، ޖޫން މަހުގެ 22 އިން 28 އަށް އެކަނިވެސް 6912 މީހުން މާލޭ ޓެކްސީލައިންގެ ޚިދުމަތް ހޯދާފައިވާ ކަމަށެވެ. މީގެތެރެއިން، 3569 ދަތުރަކީ މާލެތެރޭގައި ކޮށްފައިވާ ދަތުރުތައްކަން ސަޢީދު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ވިލިމާލޭގައި މީގެ ދޮޅުހަފްތާއެއްހާ ދުވަސްކުރިން މި ޚިދުމަތް ފަށާފައިވާއިރު، އެ އަވަށުން އެކަނިވެސް 528 މީހުން ވަނީ ޚިދުމަތް ހޯދާފައެވެ.
ޚިދުމަތް ހޯދި ގޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވެބް ބުކިން މެދުވެރިކޮށް 6112 މީހުން ޚިދުމަތް ހޯދާފައިވާއިރު، ކޯލް ސެންޓަރު މެދުވެރިކޮށް 800 މީހުން ވަނީ ޓެކްސީ ބުކްކޮށްފައެވެ. ސަޢީދު ވިދާޅުވީ، ކޯލް ސެންޓަރުގެ ޚިދުމަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން، ބާރުބޮޑު ގަޑިތަކުގައި 5 ނުވަތަ 6 މިނިޓު ތެރޭގައި ކޯލްތަކަށް އިޖާބަދޭއިރު، އާންމު ގަޑިތަކުގައި 3 ނުވަތަ 4 މިނިޓު ތެރޭގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭކަން ސަޢީދު ފާހަގަކުރެއްވިއެވެ.
"ބެންޗްމާރކްކުރާ ކަންކަން އެބަހުރި އަވަހަށް ކޯލަށް އެޓެންޑުވެ އަވަހަށް ޚިދުމަތްދިނުން. ހަމައެގޮތަށް ޓެކްސީ ޑްރައިވަރުންނަށް ވެސް ޚާއްސަ ތަމްރީންތައް އެބަދެވޭ." ސަޢީދު ވިދާޅުވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި މި ޚިދުމަތަކީ މާލޭގެ ދަތުރުފަތުރުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ޕާކިން އާއި މަގުތަކުގެ މައްސަލަ ހިމެނޭހެން، ދަތުރުފަތުރުގެ ދާއިރާއަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ޚާއްސަ ޕްލޭނެއް އެކުލަވާލަމުންދާކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.
މާލެ ޓެކްސީލައިންގެ ޚިދުމަތް ހޯދުމަށް "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން މިހާރު އެޕަލް އެޕްސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ލިބެން ހުންނާނެއެވެ. މީގެއިތުރުން، ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ.
މިދިޔަ ހަފްތާގައި މާލެ ޓެކްސީލައިންގެ ޚިދުމަތް 6912 މީހުން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ