ފާއިތުވި ޖޫން މަހުގެ 21 އިން 27 އަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ 22 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި 300,000 އަށްވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ މުޙައްމަދު ފަޒީލް އަދި ސީނިއަރ ސާޖަންޓް ޢަބްދުﷲ ޝަހުނީޒް ވިދާޅުވީ، އެންޓި-ސްކޭމް ސެންޓަރުގެ މަސައްކަތުން އޭގެ ތެރެއިން ގާތްގަނޑަކަށް 73,000 ރުފިޔާ ހޯދިފައިވާ ކަމަށެވެ. ފުލުހުން ފާހަގަކުރެއްވި ގޮތުގައި ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު ހަތިޔާރަކީ އާންމުން ހޭލުންތެރިވުމެވެ.
މިދިޔަ މާރިޗު މަހުގެ 17 ވަނަ ދުވަހު އުފެއްދި މި ސެންޓަރަކީ މުޅި ރާއްޖޭގައި ކުރިން އެކި އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ސްކޭމްގެ މައްސަލަތައް ހަރުދަނާކަމާއެކު ބެލުމަށް ގާއިމުކުރި ތަނެއްކަމަށް ޝަހުނީޒް ފާހަގަކުރެއްވިއެވެ. އަދި އެ ސެންޓަރުގައި 24 ގަޑިއިރު ޚިދުމަތްދޭ ރެޕިޑް ރެސްޕޮންސް ޔުނިޓަކާއި، ހޭލުންތެރިކުރުމުގެ މަސައްކަތްކުރާ އެޑިއުކޭޝަން ޔުނިޓުގެ އިތުރުން ތަހުގީގީ އަދި ޑޭޓާ އެނަލިސިސް ޔުނިޓުތައް ހިމެނޭކަންވެސް ފާހަގަކުރެއްވިއެވެ.
ސްކޭމެއްގެ މައްސަލަ ރިޕޯޓުކުރުމުން، ތަހުގީގު ފެށުމުގެ ކުރިން ވެސް ޝައްކުކުރެވޭ ބޭންކު އެކައުންޓުތައް 48 ގަޑިއިރަށް ފްރީޒްކުރުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިގެންދާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ އާންމުކޮށް ހިންގަނީ އީ-ކޮމާރސް ނުވަތަ ފޭސްބުކް މާކެޓްޕްލޭސް ފަދަ މަންސަތައް މެދުވެރިކޮށް މުދަލަށް ފައިސާ ދެއްކުމަށްފަހު މުދާ ނުލިބޭ ސްކޭމްތަކެވެ. މީގެ އިތުރުން، ޑޮލަރު މާރުކުރުމާއި، ވައިބަރ އެކައުންޓް ހެކްކުރުމާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކުގެ ނަމުގައި ހިންގާ އޮޅުވާލުންތައް ފާހަގަކުރޭވޭކަމަށް ފުލުހުންގެ އޮފިސަރުން ފާހަގަކުރެއްވިއެވެ.
ފުލުހުން ވަނީ އަމިއްލަ އެކައުންޓުތައް މެދުވެރިކޮށް އެހެން މީހުން ފައިސާ ދައުރުކުރުމަށް ފުރުސަތު ނުދިނުމަށް އިލްތިމާސްކޮށްފައެވެ. އެކައުންޓުން ހިންގާ ކޮންމެ މުއާމަލާތަކަށް އޭގެ ވެރިފަރާތުން ގާނޫނީގޮތުން ޒިންމާވާންޖެހޭނެ ކަމަށް ފުލުހުން ހަނދާންކޮށްދިނެވެ.
ޖޫން 21 އިން 27 އަށް ރިޕޯޓުކުރި 22 މައްސަލައިގެ ތެރޭގައި ހިމެނެނީ:
އީ-ކޮމާރސް ސްކޭމް: 10 މައްސަލަ
ފައިސާ މާރުކުރުމުގެ މައްސަލަ: 1 މައްސަލަ
ފިޝިންގ އަދި ވަޒީފާގެ ސްކޭމް: 1 މައްސަލަ
އެހެނިހެން ބާވަތްތައް: 10 މައްސަލަ
ޖޫން މަހުގެ 14 އިން 20ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކާ އަޅާބަލާއިރު 2 މައްސަލައެއް އިތުރުވެފައިވާކަމަށް ފުލުހުންގެ އޮފިސަރުން ފާހަގަކުރެއްވިއެވެ. މިގޮތުން މިދިޔަ ހަފްތާގައި 20 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ގާތްގަނޑަކަށް 259,000 ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް ފުލުހުންގެ މަސައްކަތުން އެ މުއްދަތުގެ ތެރޭގައި 146,000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވެއެވެ.
ފުލުހުން ފާހަގަކުރެއްވި ގޮތުގައި، އާންމު ގޮތެއްގައި މުސާރަ ލިބޭ ދުވަސްވަރާއި މޫސުމީ އެކި ހަރަކާތްތަކާ ދިމާކޮށް ސްކޭމްގެ މައްސަލަތައް އިތުރުވެއެވެ. މިގޮތުން ރަމަޟާން މަހާއި، ވޯލްޑް ކަޕް ފަދަ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ ދުވަސްވަރުގެ އިތުރުން، ސަރުކާރުގެ އެކި މަޝްރޫއުތަކަށް ކުރިމަތިލާ މުއްދަތުތަކުގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް ޓަކައި، އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެ މީހަކީ ކާކުކަން ކަށަވަރުކުރުމަށާއި، ހުއްދަ ނެތް ފަރާތްތަކަށް އިތުބާރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމިއްލައަށް ސްކޭމްގެ ޝިކާރައަކަށް ނުވި ނަމަވެސް، ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އެކަން ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ.
އެންޓި-ސްކޭމް ސެންޓަރުން ވަނީ ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށާއި، މިފަދަ ކަންކަމުން އެހެން މީހުން ރައްކާތެރިކުރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް އެ ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅުމަށް އާންމުންނަށް ބާރުއަޅާފައެވެ.
އެންޓި-ސްކޭމް ސެންޓަރަށް ހަފުތާއެއް ތެރޭ 22 މައްސަލަ: 3 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ