ލ. މާވަށުގައި އެއާޕޯޓެއް އެޅުމުގެ ބަދަލުގައި އެ އަތޮޅު އިސްދޫ-ކަލައިދޫގައި އެއާޕޯޓު އަޅަން ނިންމީ ސަރުކާރުން އަމިއްލައަށް ކަނޑައަޅާފައިވާ ސިޔާސަތާ ހިލާފަށް ކަމަށް މާވަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މާވަށުގައި އެއާޕޯޓު ނާޅާ މައްސަލައިގައި މުޒާހަރާއެއް ކުރަން ވެސް ރަށު ރައްޔިތުން ވަނީ ނިންމައިފަ އެވެ. އެއާއެކު ނެރުނު ބަޔާނެއްގައި ކައުންސިލުން ބުނީ އެއާޕޯޓަކުން ލޯންޗެއްގައި 35 މިނެޓުން ނުދެވޭ ރަށްރަށުގައި އެއާޕޯޓެއް އަޅާނަމަ އެ އަތޮޅުގައި ފުރަތަމަ އެއާޕޯޓު އަޅަންޖެހޭނީ މާވަށުގައި ކަމަށެވެ.
"މި ސިޔާސަތުގެ ދަށުން ހައްދުންމަތީގައި ދެވަނަ އެއާޕޯޓެއް ގާއިމުކުރައްވާން އެންމެ ފުރަތަމަ ޝަރުތު ފުރިހަމަވާ ރަށަކީ ހަމައެކަނި މާވަށް،" ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެކަން މިދިޔަ ހަފުތާގައި ސަރުކާރުން އިއުލާނު ކުރި ދުވަހަކީ މާވަށު ރައްޔިތުންނަށް "ހިތްދަތި" ދުވަހެއް ކަމަށް ވެސް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ސަރުކާރުން ބައްލަވާ މިންގަނޑުތަކުން އެ ކަމަށް [އެއާޕޯޓު އަޅަން] ސަރުކާރުން ނިންމެވި ރަށަކީ (އިސްދޫ-ކަލައިދޫ) ކަމަށް މި ދިޔަ ހަފުތާ ނިމިގެން ދަނިކޮށް ސަރުކާރުން އިއުލާނުކުރެއްވި ދުވަހަކީ މާވަށުގެ ރައްޔިތުންނަށް ހިތްދަތި އިހުސާސްތަކެއް ކުރެވުނު ހިތްދަތި ދުވަހެއް،" އެ ބަޔާނުގައިވެ އެވެ.
މާވަށުގައި އެއާޕޯޓެއް އަޅަން ރަށުގެ ވަރަށް ގިނަ ބަޔަކު މަސައްކަތް ކޮށްފައިވާ ކަން ފާހަގަކުރަމުން ކައުންސިލުން ބުނީ ރަށަށް އެއާޕޯޓެއް ހޯދަން އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"ސަރުކާރުން ކަނޑައަޅުއްވައިފައިވާ ސިޔާސަތުގެ ދަށުން މާވަށުގައި އެއާޕޯޓެއް ގާއިމްކުރާންޖެހޭނެ ކަމަށް އަދިވެސް މި ކައުންސިލުން ގަބޫލުކުރަން. އަދި މިކަމުގައި ސަރުކާރަށް އިލްތިމާސްކޮށް މިކަން ހާސިލްވަންދެން މަސައްކަތްކުރުމުގައި މި ކައުންސިލު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިސްދޫ-ކަލައިދޫގައި އެއާޕޯޓު އަޅަނީ ސަރުކާރުން އަމިއްލައަށް ކަނޑައެޅި ސިޔާސަތާ ހިލާފަށް: މާވަށު ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ