ހުރާ ކައުންސިލުން ބިންތައް ހިފެހެއްޓިއިރު، ކައުންސިލްގެ ރައީސްގެ އާއިލާ ދެ މީހަކަށް އޮތީ ބީލަމުން ނާކާމިޔާބުވެފައި

ކ. ހުރާއިން ޓޫރިޒަމަށް ހާއްސަކޮށް ދޫކޮށްފައި ހުރި ބިންތަކެއް، އައު އެ ކައުންސިލުން ހަވާލުވުމަށްފަހު ހިފެހެއްޓިއިރު، ކައުންސިލް ރައީސް، އިހުސާން ޖަމީލްގެ އާއިލާގެ ދެ މީހަކު ބީލަމަށް ހުށަހަޅައި ނާކާމިޔާބުވެފައި އޮތްކަން އެނގިއްޖެ އެވެ.
ނިމިދިޔަ ކައުންސިލުން ހުރާގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން 17 ބިން ބީލަމަށް ހުޅުވައިލި އެވެ. ބީލަންތައް ކާމިޔާބު ކުރި ފަރާތްތަކަށް އެވޯޑު ލެޓާ ވެސް އޮތީ އޭރު ހަވާލުކޮށްފަ އެވެ. ނަމަވެސް، އައު ކައުންސިލް އިންތިހާބުވުމަށްފަހު އެ ބިންތައް ހަވާލުކުރުން ވަނީ ހުއްޓާލައިފަ އެވެ.
މި ނޫހަށް ލިބިފައި ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޓޫރިޒަމަށް ހާއްސަކޮށް ދޫކުރި ބިންތައް ހަވާލުކުރުން ހުރާގެ އައު ކައުންސިލުން ހުއްޓުވާފައި އޮތްއިރު، އެ ބިންތަކުގެ ބީލަމުގައި މިހާރުގެ ކައުންސިލް ރައީސް، އިހުސާން ޖަމީލްގެ އެއްބަނޑު އެއްބަފާ ދެބެއިން ކަމަށްވާ ހުސެއިން ޝިރުހާން އާއި ހަސަން ޒައިދު ބައިވެރިވެފައިވެ އެވެ. ނަމަވެސް، އެ ދެ މީހުންނަށް ވެސް ބީލަން ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އެކަމާ ގުޅޭގޮތުން އިހުސާންގެ ބަހެއް ހޯދުމަށް ގުޅުމުން ވިދާޅުވީ ބިންތައް ހަވާލުކުރުން ހުއްޓާލާފައި އޮތީ އެލްޖީއޭއިން އެކަމާ ބެހޭ މައްސަލައެއް ބަލަމުން ދާތީ ކަމަށެވެ. 
"އެލްޖީއޭއިން އަންގާފައި އޮތީ އިންތިގާލީ މަރުހަލާގައި ސޮއި ނުކުރެވޭނެ ކަމަށް، އެއީ އެއް ކަންތައް، ހަމަ އެ ލެޓާގައި އޮތް ގޮތް، ދެވަނަ ކަމަކަށް އެ ލެޓާގައި ބުނަނީ މައްސަލަތަކެއް ހުރީތީ އެ މައްސަލަތައް ބަލައި ނިމެންދެން، ކޮންމެވެސް ޑޮކިއުމެންޓެއް، ދެން ހަނދާނެއް ނެތް ކޮން މާކަބޮޑަކަށް، ކޮންމެވެސް ޑޮކިއުމެންޓުތަކެއް ވެސް ގެންދާށޭ ބުނެފައި އޮތީ، އެލްޖީއޭއަށް ފޮނުވަން ބުނެފައި އޮތީ އެމީހުން މައްސަލަތަކެއް ބަލަނީއޭ،" އިހުސާން ވިދާޅުވި އެވެ.
"އެ މައްސަލަ ބަލާފައި ހުރާ ކައުންސިލަކަށް އަދި ލެޓާއެއް ނާދޭ."
ކ. ހުރާގެ ކުރީގެ ކައުންސިލުން ޓޫރިޒަމަށް ދޫކުރި 17 ބިން، ބިޑު ކާމިޔާބުކުރި ފަރާތްތަކާ ހަވާލުކުރަން މިހާރުގެ ކައުންސިލުން ދަނީ ދެކޮޅު ހަދަމުން. މި މައްސަލައިގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމާފައިވީ ނަމަވެސް، އެއްބަސްވުމުގައި ސޮއިނުކޮށް ލަސްކުރާތީ ބިންތައް ލިބުނު ފަރާތްތަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ދަނީ ކުރިމަތިވަމުން.
އެ ބިންތަކުގެ ބީލަމުގައި އިހުސާންގެ އެއްބަނޑު ތިމާގެ ބަޔަކު ބައިވެރިވެ ނާކާމިޔާބުވެފައި އޮއްވައި އެ ބިންތައް ދޫކުރުން ހުއްޓުވާފައި އޮތުމުން މަސްލަހަތު ފުށުއަރާތީ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާ ބެހޭ އެއްވެސް ސުވާލަކަށް ޖަވާބުދެވެން ނެތް ކަމަށެވެ.
"ތިއިން އެއްވެސް ސުވާލަކަށް ޖަވާބު ދެވޭކަށް ނެތް އަޅުގަނޑަކަށް އިނގޭތޯ؟،" އިހުސާން ވިދާޅުވި އެވެ.
ހުރާއިން ޓޫރިޒަމަށް ހާއްސަކޮށްފައި ހުރި ބިންތަކުގެ ބީލަން ކާމިޔާބުކުރި ފަރާތްތަކަށް ބިންތައް ހަވާލުނުކޮށް މަޑުކުރަނީ އެލްޖީއޭގެ ލަފަޔަކާ ގުޅިގެން ކަމަށް އިހުސާން ވިދާޅުވިއިރު، ކައުންސިލްތަކުން ހިންގާ ބީލަންތަކާއި އެ ބާވަތުގެ މުއާމަލާތްތަކުގެ މައްސަލަ ތަހުގީގު ކުރުމަކީ އެލްޖީއޭގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ގާނޫނުން އެ ޒިންމާ މަތިކޮށްފައި އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ.
ބީލަން ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑު ލެޓާ ހަވާލު ކުރީ، ބިން ދޫކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީން ނިންމުމުންނެވެ. އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ރަށު ކައުންސިލުން އަމިއްލައަށް އިސްނަގައިގެންނެވެ.
ބިންތައް އެވޯޑު ކުރުމުގެ ކުރިން ކުރީގެ ރަށު ކައުންސިލުން އޭސީސީއަށް މައްސަލައެއް ހުށަހެޅީ، އެ ބިންތައް ނުއަގުގައި ދޫކުރަން އުޅޭ ކަމަށް ބުނެ އަޑުތަކެއް ފެތުރުމުންނެވެ. އެކަމަކު އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ނިންމީ ބިންތައް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިނގާ ކަމަށެވެ. 
އެ ރަށުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ބިންތައް ދޫނުކޮށް އައު ކައުންސިލުން ހިފަހައްޓާފައި ވަނީ އިހުސާންގެ ނުފޫޒުން ކަމަށެވެ.
"ސީދާ އޭނާގެ އެއްބަނޑުއެއްބަފާ މީހުންނަށް ނުލިބި އޮތީމާ އެ ހިފަހައްޓާފައި އޮތް ކަމަށް ރަށު ތެރޭގައި ކިޔަނީ، އެ ދެމީހުންނަށް ބީލަން ކާމިޔާބު ނުވީމާ ކޮށްގެން އުޅޭ ކަމެއް ކަމަށް،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީން ކަނޑައަޅާފައި އޮއްވައި، އެ ބިންތައް ދޫނުކޮށް ހިފަހައްޓައިގެން އުޅޭ މައްސަލައިގައި އޭސީސީއާ ސުވާލުކުރުމުން އެކަން ބަލައިލުމަށްފަހު ޖަވާބެއް ދޭނެ ކަމަށް އެ ކޮމިޝަނުން އިއްޔެ ބުންޏެވެ. ނަމަވެސް، މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ނިމދިޔަ ކައުންސިލުން ހުރާގެ ޓޫރިޒަމް 17 ބިމެއް ދޫކޮށްގެން 1.8 މިލިއަން ރުފިޔާ ބިޑު ފައިސާގެ ގޮތުގައި ލިބުނެވެ. އެ ބިންތައް ދޫކުރަން ނިންމީ ކޮންމެ މަހަކު ކުލީގެ އިތުރުން ސީއެސްއާރްއަށްވާ ފައިސާ ވެސް ކައުންސިލަށް ލިބޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ