މާލީ ދާއިރާގެ އައު އީޖާދުތަކާއި ޒަމާނީ ފައިސާގެ މުއާމަލާތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ހާއްސަ ސެޝަނެއް ފައިނޭންޝަލް އެކްސްޕޯ 2026 ގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މި ސެޝަން އަމާޒުކޮށްފައިވަނީ ފައިސާ ދެއްކުމުގެ ނިޒާމުތައް ހަލުވި، ރައްކާތެރި އަދި އެންމެންނަށް ބައިވެރިވެވޭ ފަދަ ގޮތަކަށް ބައްޓަންކުރުމުގެ މައްޗަށެވެ.
މި ހަރަކާތް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 11:30 ގަ އެވެ. މި ސެޝަން ކުރިއަށް ދާނީ ފައިނޭންޝަލް އެކްސްޕޯގެ މައި މައުރަޒު ޓެންޓުގެ ފުރަތަމަ ސްޓޭޖުގަ އެވެ. މި ބައްދަލުވުމުގައި މާލީ ދާއިރާގެ އިސްވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެ، ފައިސާގެ މުއާމަލާތްތަކަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާނެ އެވެ.
މި ސެޝަންގެ މައިގަނޑު ބޭނުމަކީ ވަގުތުން ވަގުތަށް ފައިސާ ފޮނުވޭ ނިޒާމުތަކާއި، އެކި ބޭންކުތަކާއި މާލީ އިދާރާތަކުގެ މެދުގައި ބޭނުންކުރެވޭ ކިއުއާރު ކޯޑުގެ ޒަރީއާއިން ފައިސާ ދެއްކުމާއި، ޑިޖިޓަލް ވޮލެޓުތަކުގެ ދައުރާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމެވެ.
އޭގެ އިތުރުން އެއް ގައުމުން އަނެއް ގައުމަށް ފައިސާ ފޮނުވުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، ބައިނަލްއަގުވާމީ ފެންވަރުގައި ފައިސާގެ މުއާމަލާތްތައް ގުޅާލުމުން އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް އަދި ސަރުކާރުތަކަށް ލިބޭނެ ފަސޭހަތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާނެ އެވެ.
މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ކިއުއާރު ކޯޑު ސްކޭންކޮށްގެން ރަޖިސްޓަރީ ކުރެވޭނެ އެވެ. ނަމަވެސް މި ސެޝަނަށް ކަނޑައެޅިފައިވަނީ ވަކި އަދަދެއްގެ ޖާގަ ކަމަށްވާތީ، ވީހާވެސް އަވަހަކަށް ރަޖިސްޓަރީ ކުރުމަށް އިންތިޒާމުކުރާ ފަރާތުން އިލްތިމާސްކުރެ އެވެ.
ފައިނޭންޝަލް އެކްސްޕޯ: މާލީ މުއާމަލާތްތަކުގެ މުސްތަގުބަލާއި ޑިޖިޓަލް އީޖާދުތަކާ ބެހޭ ހާއްސަ ސެޝަނެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ