ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުންތަކާއި ދިފާއީ އެއްބާރުލުން ދިނުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ސައުދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ޕްރިންސް ހާލިދުގެ ދައުވަތެއްގައި ރާއްޖޭ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިވަގުތު ހުންނެވީ ސައުދީގަ އެވެ.
ދެ ބޭފުޅުންގެ މަޝްވަރާ ބައްދަލުވުންތަކަށްފަހު، ސައުދީގެ ޑިފެންސް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުމާއި ޑިފެންސް ކޯޕަރޭޝަނާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ތަރައްގީ އާއި ސަލާމަތާއި ހަމަޖެހުން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ.
މިނިސްޓަރު ހަސަން ރަޝީދު ވަނީ ސައުދީގެ އިސްލާމިކް މިލިޓަރީ ކައުންޓާ ޓަރަރިޒަމް ކޯލިޝަނުގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރު، މޭޖާ ޖެނަރަލް އަބްދުﷲ ބިން ހަމަދު އަލް ގުރޭޝީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމުން އެއްބާރުލުން އިތުރުކޮށް ޖޮއިންޓް ޓްރޭނިންތައް ބާއްވައި ކެޕޭސިޓީ ބިލްޑިންގެ މަސައްކަތްތައް ފުޅާކުރުމަށް ވެސް މަޝްވަރާ ކުރައްވައިފަ އެވެ. އަދި ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ގާއިމް ކުރުމުގެ ދެމިތިބުމާ ގުޅޭ މަޝްވަރާތަކެއް ވެސް ކުރެއްވި އެވެ.
ސައުދީން ރާއްޖެއަށް ދިފާއީ އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ