ނޯވޭ އިން އައިވަރީ ކޯސްޓު އަތަުން ތާރީހީ މޮޅެއް ހޯދައި ގަދަ 16 ގައި ބްރެޒިލާ ދެކޮޅަށް

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - އައިވަރީ ކޯސްޓް 2-1 އިން ބަލިކޮށް، ފީފާ ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގައި ފުރަތަމަ ފަހަރަށް ހޯދި މޮޅާ އެކު، ނޯވޭ އިން  މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބްރެޒިލާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ. 
ނޯވޭ އަކީ ބްރެޒިލަށް މިހާތަނަށް ދުނިޔޭގެ ފުޓްބޯޅައިގައި އިދިކޮޅަށް ކުޅެން ނުކުންނަން ޖެެހި ބަލިނުކުރެވި އޮތް ހަމައެކަނި ގައުމެވެ. މިހާތަނަށް ބްރެޒިލާއި ނޯވޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ނޯވޭ މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. މޮޅުވި އެއް މެޗަކީ، ނޯވޭ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނުއިރު، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލުން ލީޑުނަގާފައިވަނިކޮށް ނޯވޭ އިން ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ.  
މި ފަހަރުގެ ގަދަ 32 ބުރުގައި މި ކުޅެން ޖެހުނު މެޗަކީ، ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގައި ނޯވޭ އާއި އައިވަރީ ކޯސްޓުގެ ފުރަތަމަ ކުރިމަތިލުމެވެ. އަނެއްކޮޅުން ނޯވޭ އިން 28 އަހަރަށް ފަހު، ވޯލްޑް ކަޕަށް އެނބުރި އައުމަށް ފަހު، މުބާރާތުގެ ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗެެވެ. މި ދެ ޓީމުން ވެސް މަސައްކަތްކުރީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ފުރަތަމަ މޮޅު ހޯދުމަށެވެ. 
އެޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ދިޔައީ ލިބޭ ފުރުސަތަުތަކުގައި އެޓޭކަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ފުރަތަަމަ ހާފު ނިންމާލިއިރު، ލީޑުގަައި އޮތީ ނޯވޭ އިންނެވެ. 
ނޯވޭ އަށް މެޗުގައި ލީޑުނަގައިދިނީ 39 ވަނަ މިނިޓްގައި، އެންޓޯނިއޯ ނޫސާ އެވެ. ނޯވޭގެ ކެޕްޓަން، މާޓިން އޮޑެގާޑް އަރިމައްޗަށް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ނޫސާ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ އައިވަރީ ކޯސްޓުގެ ކީޕަރު، ޔަހިއާ ފޮފާނާ އަތްމަތިން ގޮހެވެ. މިއީ، ވޭތުވެދިޔަ 88 އަަހަރު ތެރޭ ނޯވޭ އިން ވޯލްްޑް ކަޕެއްގެ ނޮކައުޓް ބުރުގައި ޖެހި ފުރަތަމަ ގޯލެވެ. މީގެ، ކުރިން ނޯވޭ އިން ވޯލްޑް ކަޕެއްގެ ނޮކައުޓްގައި ލަނޑެއް ޖެހީ، 1938 ވަަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. 
ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް އައިވަރީ ކޯސްޓް އިން ދެ ވަނަ ހާފުގައި އެޓޭކަށް ގިނަ ކުޅުންތެރިން ފޮނުވައިގެން މަސައްކަތް ކުރި އެވެ. އެ ގޮތުން، މި ހާފު ފެށިގެން ހަ މިނިޓް ތެރޭ އައިވަރީ ކޯސްޓްގެ ނިކޮލަސް ޕެޕޭ ޖެހި ޝޮޓެއް، ނޯވޭގެ ކީޕަރު،އޮރްޖާން ނައިލަންޑް ވަނީ މަތަކޮށްފަ އެެވެ. 
އައިވަރީ ކޯސްޓުން ލަނޑު ޖަހައި އެއްވަރުުކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ 74 ވަނަ މިނިޓްގަ އެވެ. ނޯވޭގެ ޑިފެންސް ތެރެއިން ދެމި ގަތުމަށްފަހު، އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ޖެހީ އަމަދު ޑިއާލޯ އެވެ. އޭގެ އަށް މިނިޓް ކުރިން އަމަދު ވަނީ ނޯވޭ އިން ދެ ވަނަ ލަނޑެއް ޖަހަން ކުރި އެޓޭކެއް ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. 
ނޯވޭ މޮޅުކޮށްދިން ލަނޑު ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. މެޗުގެ 86 ވަނަ މިނިޓްގައި، ނޯވޭގެ އޮސްކާ ބޮބް ހުސްކޮށްލާފައި އޭރިއާތެރެއަށް ވަން އެ ޓީމުގެ ޕެޓްރިކް ބާގަށް ދިން ބޯޅަ، އޭނާ ވަނީ ރަނގަޅު ތަނަށް ހުސްކޮށް އެރި ހާލަންޑަށް ދީފަ އެވެ. ހާލަންޑް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައި، ވޯލްޑް ކަޕްގައި އޭނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. 
ދެ ވަނަ ފަހަަރަށް އައިވަރީ ކޯސްޓަށް އެއްވަރުކޮށްދޭން އަމަދު ޖެހި ހިލޭ ޖެހުމެއް ކީޕަރު ނައިލަންޑް ވަނީ މަތަކޮށްފަ އެވެ. 
މިއީ، އައިވަރީ ކޯސްޓުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިންް، 2006، 2010 އަދި 2014 ވަނަ އަަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ