ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ކަޅު ބާޒާރަށް ބީއެމްއެލް ވަނުމެއް ނޫން: ފައްޔާޒު

ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ގާނޫނާ ހިލާފަށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަށް ބީއެމްއެލްއަށް މަޖުބޫރު ކުރުން ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ. ފައްޔާޒް މިހެން ވިދާޅުވި އިރު ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އިންވެސްޓްމަންޓްސް" ގެ ނަމުގައި ހިދުމަތެއް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ޑޮލަރު މާރުކުރަން ހުޅުވައިލި ފުރުސަތެކެވެ.ގައުމީ ބޭންކުން މި އިންވެސްޓްމަންޓު ހިދުމަތް އޮންނަ ގޮތުން އިންވެސްޓުކުރަން ބޭނުންވާ މީހަކު ޑޮލަރު އިންވެސްޓުކުރުމުން އެމްއެމްއޭގެ ރަސްމީ ރޭޓު ކަމަށްވާ 15.42ރ. ގައި ދިވެހި ރުފިޔާ ލިބެ އެވެ. އަދު މި ފައިސާ ބީއެމްއެލުން ބޭނުންކުރަނީ ކާޑު ޓްރާންސެކްޝަންތައް ފީ ލިބޭ މުއާލަމާތްތައް ފުރިހަމަކުރުމަށެވެ.އެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް ފަހު 25 ޕަސެންޓު، އިންވެސްޓަރުންނަށް ރުފިޔާއިން ބީއެމްއެލުން ޖަމާކޮށް ދޭނެ އެވެ.  އެއީ އިންވެސްޓްމަންޓް ޕްރޮގްރާމެއް ކަމަށް ބޭންކުން ބުނި ނަމަވެސް އެއީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަޅު ބާޒާރުން ޑޮލަރު ގަތުން ކަމަށް ފައްޔާޒް މިރޭ ވިދާޅުވި އެވެ. އަދި އެއީ ފޮރިން އެކްސްޗޭންޖުގެ ގާނޫނާ ހިލާފު ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ދެމެހެއްޓެނިވި ގޮތެއްގައި ބޭރު ފައިސާ ލިބޭނެ މަގެއް [ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރަށް ނުލިބުމާއި ރައްޔިތުންނަށް ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވުމުން ބޭންކް އޮފް މޯލްޑިވްސް ދަނީ ފޮރިން އެކްސްޗޭންޖުގެ ގާނޫނު އެއް ފަރާތްކޮށް، ގާނޫނާ ހިލާފަށް މަސައްކަތް ކުރަމުން. މިއީ ބޭންކުން ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުން،" ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ ޑޮލަރުގެ ދަތިތަކަށް އޮތް ހައްލަކީ ބޭންކަށް މަޖުބޫރުކޮށްގެން ޑޮލަރުގެ ކަޅު ބާޒާރަށް ވަނުން ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ނާގާބިލުކަން ހުރި މިންވަރު ހާމަވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި ޕްރޮގްރާމު ފަށާފައި މި ވަނީ ރާއްޖެއިން ބޭރުގައި ދިވެހިންނަށް ބޭނުން ކުރެވޭ ޑޮލަރު ކޮންޓްރޯލް ކުރުމަށްފަހު. މިއީ ސަރުކާރުގެ ނާގާބިލުކަމުގެ ހެއްކެއް. ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ގާނޫނާ ހިލާފަށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަށް ބީއެމްއެލްއަށް މަޖުބޫރު ކުރުމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ. މިހާރު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ 20.50ރ. އަށެވެ. މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅުބާޒާރު ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބި، އާންމުން ދަނީ ޑޮލަރު ލިބުން ދަތިވުމުގެ ޝަކުވާ ކުރަމުންނެވެ.މީގެ އިތުރުން އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ