ފަހު ވަގުތު ހާލަންޑް ކާމިޔާބުކޮށްދިން ލަނޑާއެކު، ނޯވޭ ގަދަ 16 އަށް

އައިވަރީ ކޯސްޓް 2-1 އިން ބަލިކޮށް، ފީފާ ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރުގައި ފުރަތަމަ ފަހަރަށް ހޯދި މޮޅާ އެކު، ނޯވޭ އިން  މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބްރެޒިލާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.  ނޯވޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ގަދަ 16 ޓީމްގެ ތެރޭގައި ހިމެނުނީ ގަދަ 32 ޓީމް ވާދަކުރާ ބުރުގައި ވާދަވެރި ކުޅުމަކަށްފަހު އެފްރިކާގެ އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ކުރި ހޯދީ ނޯވޭއިންނެވެ. ހާފް ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް، ކެޕްޓަން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ލީޑް ނަގައިދިނީ އެންޓޯނިއޯ ނޫސާ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ކަނަށެވެ. މެޗުގެ ފޯރިއާއި ވާދަވެރިކަން ބޮޑުވީ ދެވަނަ ހާފްގައި މެޗުގެ 74 ވަނަ މިނިޓްގައި އައިވަރީ ކޯސްޓުން ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ނިކޮލަސް ޕެޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން ނަތީޖާ ހަމަހަމަކޮށްދިނީ އަމަދު ޑިއާލޯ އެވެ. އޭނާ ބޯޅަ ފޮނުވާލީ ގޯލުގެ ދުރުކަނަށެވެ. އެކަމަކު އެނަތީޖާގައި އޮތީ 11 މިނިޓެވެ. ވާލްޑްކަޕްގައި ފުރަތަމަ ފަހަރަށް ކުޅޭ ނޯވޭގެ ތަރި ހާލަންޑް ލަނޑު ޖަހާ ނޯވޭ ގަދަ 16 އާ ކައިރިކޮށްދިނެވެ. މެޗުގެ 86 ވަނަ މިނިޓްގައި، ނޯވޭގެ އޮސްކާ ބޮބް ހުސްކޮށްލާފައި އޭރިއާތެރެއަށް ވަން އެ ޓީމުގެ ޕެޓްރިކް ބާގަށް ދިން ބޯޅަ، އޭނާ ވަނީ ރަނގަޅު ތަނަށް ހުސްކޮށް އެރި ހާލަންޑަށް ދީފަ އެވެ. ހާލަންޑް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައި، ވޯލްޑް ކަޕްގައި އޭނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ފަހަަރަށް އައިވަރީ ކޯސްޓަށް އެއްވަރުކޮށްދޭން އަމަދު ޖެހި ހިލޭ ޖެހުމެއް ކީޕަރު ނައިލަންޑް ވަނީ މަތަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ