ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ސައުދީއާއެކު މަޝްވަރާކޮށްފި
ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަށް ސައުދީއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. https://x.com/kbsalsaud/status/2071935523195593173 އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަޝްރަހުގައި ހިނގާ ކަންތައްތަކާ ގުޅޭ ގޮތުންނާއި ސަަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން އައިއެމްސީޓީސީގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑާ މޭޖާ ޖެނެރަލް އަބްދުﷲ ބިން ޙާމިދު އަލް ޤުރައިޝީއާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ