އެމިރޭޓްސްއިން ރާއްޖެ-ކޮލަމްބޯ ދަތުރުތައް އަލުން ފަށައިފި
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، އެމިރޭޓްސް އެއާލައިނުން ރާއްޖެއާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ. މި ދަތުރުތައް އަލުން ފަށާފައި މިވަނީ އެމިރޭޓްސްގެ ދަތުރުފަތުރުގެ ނެޓްވޯކަށް ބޮޑެތި ބުރޫތަކެއް އެރުމަށްފަހެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން އީރާން، އިރާގު، އިސްރާއީލް، އަދި އުރުދުންގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، އެއާލައިންތަކަށް ވަނީ އެތައް ހާސް ފްލައިޓެއްގެ ރޫޓު ބަދަލުކުރަން ނުވަތަ ކެންސަލްކުރަން މަޖުބޫރުވެފައެވެ. އެގޮތުން އެމިރޭޓްސްއިން އެކަނިވެސް ފެބްރުއަރީގެ ފަހުކޮޅުން ފެށިގެން މާރިޗު މަހުގެ މެދަކާ ހަމައަށް، ތާވަލުކުރި ދަތުރުތަކުގެ ގާތްގަނޑަކަށް 54 އިންސައްތަ ނުވަތަ 2,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރިއެވެ. ހަމަނުޖެހުންތަކުގެ ކުރީކޮޅު ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުމުގެ ސަބަބުން، އެމިރޭޓްސްއަށް އެ ސަރަހައްދުގެ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ. އަދި ޑްރޯންއާއި މިސައިލްގެ އިންޒާރުތަކާ ގުޅިގެން ބައެއް ބޯޓުފަހަރު ވައިގެ ތެރޭގައި ތިއްބާ ކުއްލިގޮތަކަށް އަނބުރާލަން ޖެހުނު ހާދިސާތައް ވެސް ހިނގިއެވެ. ޖުމްލަގޮތެއްގައި މެދުއިރުމަތީގެ އެއާޕޯޓުތަކުން ކުރަން ހަމަޖެހުނު 30,000 އަށްވުރެ ގިނަ ފްލައިޓް މިކަމާ ހުރެ ކެންސަލްވިއެވެ. އޭގެ ފަހުން އެމިރޭޓްސްއިން އަންނަނީ ދަތުރުތަކުގެ ޝެޑިއުލް ކުރިން އޮތް ގޮތަށް އިއާދަކުރަމުންނެވެ. އެގޮތުން މާރިޗު މަހުގެ މެދަކާ ހަމައަށް 110 އަށްވުރެ ގިނަ މަންޒިލަށް ދަތުރުތައް ވަނީ ފަށާފައެވެ. މި ހާލަތާ ގުޅިގެން ދަތުރުތަކަށް ބަދަލު ގެނައީ ހަމައެކަނި އެމިރޭޓްސްއަކުން ނޫނެވެ. ގަތަރު އެއާވޭސްއާއި އިއްތިހާދު އެއާވޭސްގެ ދަތުރުތައް ވެސް ވަރަށް ބޮޑަށް މަދުކުރަން ޖެހުނެވެ. އެގޮތުން ދަތުރުތަކަށް އެންމެ ބޮޑަށް ބުރޫއެރި ދުވަސްވަރު ގަތަރު އެއާވޭސްގެ 93 އިންސައްތަ އަދި އިއްތިހާދުގެ 79 އިންސައްތަ ފްލައިޓް ކެންސަލްކުރަން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ