ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު ސެކިއުރިޓީ ކަނޑާލަން ނިންމާފައިވަނީ ގާނޫނާ ހިލާފު އެއްވުންތަކަށް ވަޑައިގަންނަވާ ވަގުތުގައި އެކަނި ކަމަށް އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު ކޮމެޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
އެ އިސްލާހާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ސެކިއުރިޓީ ކަނޑާލަން ނިންމާފައިނުވާ ކަމަށެވެ. އެކަމަކު އެ މުޒާހަރާއަކީ ގާނޫނާ ހިލާފް އެއްވުމެއްގެ ގޮތުގައި ފުލުހުން ކަނޑައަޅައިފިނަމަ، އެ ވަގުތުން ފެށިގެން ސެކިއުރިޓީ މެދުކެނޑޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މުޒާހަރާއަކީ ގާނޫނާ ހިލާފު މުޒާހަރާއެއް ކަމަށް ފުލުހުން ޑިކްލެއާ ކުރޭތާ ގާނޫނާ ހިލާފު ކަންކަން ކުރީމަ. މިސާލަކަށް ބެރިކޭޑް އުކާލުމާއި ގާނޫނާ ހިލާފު ތަންތަނުގައި އެއްވުމާ މިކަހަލަ ކަންތައް ކުރީމަ ފުލުހުން ބުނޭ ނޫންތޯ ތިއީ ގާނޫނާ ހިލާފު އެއްވުމެކޭ. އެހެންވީމަ ގާނޫނާ ހިލާފު އެއްވުމަކަށްވާ ހިސާބުން ސެކިއުރިޓީ ދެން ފޯރުކޮށެއް ނުކޮށްދޭނެއޭ." އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެގޮތަށް ނިންމަން ޖެހުނީ ގާނޫނާ ހިލާފު އެއްވުންތަކުގައި ކުރީގެ ބައެއް ރައީސުން ބައިވެރިވެވަޑައިގަންނަވާއިރު، އެފަދަ އަމަލުތައް ހިންގަވާ ދަނޑިވަޅުގައި ސެކިއުރިޓީން ވެސް ގާނޫނާ ހިލާފު އަމަލުތައް ހިންގަން މަޖުބޫރުވާ ފަދަ ހާލަތްތައް ކުރިމަތިވާތީ އެވެ.
އެހެންވެ، އެފަދަ ކަންކަމުގެ ސަބަބުން ފުލުހުންނާއި އެމްއެންޑީއެފްގެ ސެކިއުރިޓީ އޮފިޝަލުންގެ މެދުގައި ވެސް ހިތްހަމަނުޖެހުން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސުންނަށް ގާނޫނާ ހިލާފު މުޒާހަރާތަކުގައި ސެކިއުރިޓީ ނުދޭން ނިންމިއިރު، ދާދިފަހުން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަދި އަބްދުﷲ ޔާމީން ވަނީ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވައިފަ އެވެ. އަދި ތިން ރައީސުންގެ އެ ބައްދަލުވުމަށްފަހު ތިން ރައީސުން އެކުގައި މަގުމައްޗަށް ނިކުމެވަޑައިގަތުމުން ފުލުހުންނާއި ސެކިއުރިޓީންނާ ދެމެދު ދެބަސްވުންތަކެއް އުފެދުނެވެ.
ދާދިފަހުން ވެސް އެމްޑީޕީން ވަނީ ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި މާލޭގައި ބޮޑު އެއްވުމެއް ވެސް ބާއްވައިފަ އެެވެ. އަދި އެ އެއްވުމުގައި ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
އުސޫލު ބަދަލުކުރަނީ ގާނޫނާ ހިލާފް އެއްވުންތަކުގައި ކުރީގެ ރައީސުންގެ ސެކިއުރިޓީ މެދުކަނޑާލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ