ފީފާ ވޯލްޑްކަޕް 2026 ގަދަ 32: މެކްސިކޯ - އެކުއެޑޯ

ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ މެކްސިކޯ އިން ނޮކްއައުޓް ބުރުގައި މިރޭ އެކުއެޑޯ އާއި ދެކޮޅަށް ނިކުންނައިރު މި ދެ ޓީމަކީ އެމެރިކާ ބައްރުގެ ވަރުގަދަ ދެ ޓީމެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ނިކުންނައިރު މެކްސިކޯ އިން ގަދަ 32 ގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓް ހޯދައިގެންނެވެ. މެކްސިކޯ އިން ވަނީ ސައުތު އެފްރިކާ އާއި ސައުތު ކޮރެއާގެ އިތުރުން ޗެކިޔާ ބަލިކޮށްފަ އެވެ. މި ތިން މެޗުގައި ޖުމްލަ 6 ލަނޑު މެކްސިކޯ އިން ޖަހާފައިވާއިރު ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު 72 މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއް ނުވަދެ ގްރޫޕްގެ މެޗުތައް ނިންމާލި ދެ ޓީމުގެ ތެރޭގައި މެކްސިކޯ ހިމެނެ އެވެ. އަނެއް ޓީމަކީ ސްޕެއިން އެވެ.
އެކުއެޑޯ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އީ ގެ ތިންވަނަ ޓީމުގެ ގޮތުގައި ގަދަ އަށެއްގެ ތެރޭގައި ހިމެނިގެންނެވެ. އެކުއެޑޯ އިން ފުރަތަމަ މެޗުގައި އައިވަރީ ކޯސްޓް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު ދެވަނަ މެޗުގައި ކުރަސާއޯ އާއި އެއްވަރުކޮށް ފަހު މެޗުގައި ވަނީ 2-1 ގެ ނަތީޖާއަކުން ޖަރމަނީ ބަލިކޮށްފަ އެވެ.
މި މެޗަށް ނިކުންނައިރު މެކްސިކޯގެ ޑިފެންޑަރ މަޓެއޯ ޗަވޭޒް ބުނެފައިވަނީ މެކްސިކޯގެ ކާމިޔާބީގެ ސިއްރަކީ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ