ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކު މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ އެވަގުތަކަށް ސެކިއުރިޓީ މެދުކަނޑާލަން ރައްޔިތުންގެ މަޖިލީހު ސަލާމަތާ ބެހޭ ކޮމިޓީ އިން ނިންމީ ސިފައިންނާ ވެސް މަޝްވަރާނުކޮށް ކަން އަދަދު އަށް އެނގިއްޖެ އެވެ.
ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދެނީ ސިފައިން ހަދާފައިވާ ގަވާއިދެއްގެ ދަށުންނެވެ. އެހެންވެ، ގަވާއިދަށް އެފަދަ މުހިންމު އިސްލާހެއް ގެނައުމުގެ ކުރިން ސިފައިންނާ މަޝްވަރާ ކުރަން އިއްޔެ ބައެއް މެންބަރުން ހުށަހެޅުއްވި އެވެ. ނަމަވެސް ވެރިކަން ހިންގާ ޕީއެންސީ އިން ނިންމީ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް ގަވާއިދު އިސްލާހު ކުރުމަށެވެ.
"ކުރީގެ ރައީސުންގެ ސެކިއުރިޓީއަށް ޒިންމާވާންޖެހޭ ބޭފުޅުންނަކީ ސިފައިން. އެބޭފުޅުންގެ އެއްވެސް މަޝްވަރާއެއް ނެތި ގަވާއިދު އިސްލާހު މި ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީމާ ބުނި ގޮތަކަށް،" ކޮމިޓީގައި ބައިވެރިވި މެންބަރަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ކުރީގެ ރައީސުން މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ސެކިއުރިޓީ ކަނޑާލަން 241 ކޮމިޓީ އިން ނިންމީ، މުޒާހަރާ ކުރުން ފަދަ އަސާސީ ހައްގަކަށް ހުރަސް އެޅޭ ގޮތަށް އެކަން ނުކުރަން ކޮމިޓީގައި ބައެއް މެންބަރުން އިލްތިމާސްކުރަމުން ދަނިކޮށް ކަމަށެވެ.
މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނީ ކޮމިޓީގެ މަގްސަދަކީ ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޒާހަރާއަށް ވަޑައިގަތުން ހުއްޓުވުން ކަމަށެވެ.
ކުރީގެ ރައީސުން މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ސެކިއުރިޓީ ކަނޑާލަން ހުށަހެޅުއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
އެ އިސްލާހަށް ތާއީދު ނުކުރެއްވީ ތިން މެންބަރެކެވެ. އެއީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަބްދުލްޣަފޫރު މޫސާ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް އާއި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މި ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލި މައްސަލައިގައި ކުރީގެ ރައީސް ނަޝީދު ވަނީ މާލޭގައި ކުރި ދެ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައްދަލުވުމަކަށްފަހު، ހިންގަވާފައި ވަޑައިގަންނަވަން މަސައްކަތް ކުރެއްވި އެވެ.
ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމާ ދެކޮޅަށް މި ސަރުކާރުން ކުރަމުން އަންނަ ކަންކަމާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް ކުރީގެ ރައީސުން ވަނީ ނިންމަވައިފަ އެވެ. އެކަން އިއުލާނު ކުރެއްވި ދުވަހު ޔާމީން ވިދާޅުވީ އެ ތިން ބޭފުޅުން އެކުގައި މުޒާހަރާއަކުން ފެނުން އެކަށީގެންވާ ކަމަށެވެ.
މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންނަށް ސެކިއުރިޓީ ނުދޭން ނިންމީ ސިފައިންނާ މަޝްވަރާނުކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ