ސޯޝަލް މީޑިއާގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ފީޗާތަކުގެ ދެބައިކުޅަ އެއްބައި މަސައްކަތެއް ނުކުރޭ: ދިރާސާ
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް ގާއިމްކޮށްފައިވާ ފީޗާތަކުގެ ތެރެއިން މަދުވެގެން ދެބައިކުޅައެއްބައި ފީޗާ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ނިއުޔޯކް ޔުނިވާސިޓީއާއި ނޯތުއީސްޓަން ޔުނިވާސިޓީގެ ތަހުގީގީ ދިރާސާއަކުން ދައްކައިފިއެވެ. އެ ދިރާސާގައި އިންސްޓަގްރާމް، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޔޫޓިއުބްގައި ހުރި މިފަދަ 86 ފީޗާއެއް ވަނީ ޓެސްޓުކޮށްފައެވެ. މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ވަނީ ތަފާތު އުމުރުފުރާގެ ކުދިންގެ ގޮތުގައި ހަދާފައިވާ ފޭކް އެކައުންޓްތަކަކާއި ބޮޑެތި މީހުންގެ އެކައުންޓްތަކެއް ބޭނުންކޮށްފައެވެ. ދިރާސާ ކުރި ފަރާތްތަކުން ހާމަކުރި ގޮތުގައި، ބޮޑެތި މީހުން ކުދިންނަށް މެސެޖުކުރުން ހުއްޓުވުމާއި ނުރައްކާތެރި މައުލޫމާތުތަކަށް އެކުދިންނަށް ނުވަދެވޭ ގޮތް ހެދުމަށް ހުންނަ ފީޗާތަކުގެ ނާކާމިޔާބީގެ ނިސްބަތް އުޅެނީ 50 އިންސައްތައަށް ވުރެ މަތީގައެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި، ސްނެޕްޗެޓްގައި ބޮޑެތި މީހުންގެ އެކައުންޓްތަކުން އެއްވެސް ހުރަހަކާ ނުލައި ކުޑަކުދިންގެ އެކައުންޓްތައް ހޯދައި މެސެޖު ކުރެވެއެވެ. https://sun.mv/223570 މީގެ އިތުރުން، ޓިކްޓޮކް ބޭނުންކުރާ ކުދިންނަށް ކެއުމުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެނޮރެކްސިއާއާ ގުޅުންހުރި ކަންކަން ސާޗްކުރުމަށް އެޕްލިކޭޝަނުން އަމިއްލައަށް ހުށަހަޅާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މި ދިރާސާގެ ހޯދުންތަކާ މެދު މެޓާ، ސްނެޕް އަދި ޔޫޓިއުބް ފަދަ ކުންފުނިތަކުން ވަނީ ދެކޮޅު ހަދާފައެވެ. އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ "ޓީން އެކައުންޓްސް" ގެ ސަބަބުން ކުދިންނަށް ފެންނަ ނުރައްކާތެރި މައުލޫމާތު މަދުވެ، ނޭދެވޭ ގުޅުންތައް ވަނީ ހަނިކުރެވިފައެވެ. އަދި މި ރިޕޯޓުގައި ހުރީ އެއްވެސް ހެއްކެއް ނެތް އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ތުހުމަތު ކޮށްފައެވެ. މި ދިރާސާގެ ހޯދުންތައް އާންމުވެފައި މިވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ނޭދެވޭ އަސަރުތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ސްކޫލްތަކާއި އަމިއްލަ ފަރާތްތަކުން އެ ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ގިނަ ގައުމުތަކަކުން މަސައްކަތް ކުރަމުންދާއިރު، އޮސްޓްރޭލިއާއިން ވެސް ދާދިފަހުން ވަނީ މިފަދަ ގާނޫނުތަކަށް އަމަލުނުކުރާ ކުންފުނިތަކަށް ދޭ އަދަބުތައް ދެގުނައަށް ބޮޑުކޮށް، ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ