ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށާއި، ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތައް ބޭއްވުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއިން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޙަސަން ރާޝިދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރ ޕްރިންސް ޚާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޙަސަން ރާޝިދު ވަނީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީ އާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމާއި، ގުޅިގެން އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ އިތުރުން، ދެ ގައުމުގެ ސިފައިންގެ ފަންނީ އަދި އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކަށް އިޖާބަދިނުމުގައި ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް ވަރުގަދަކޮށް، އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރަމުންނެވެ. އަދި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމުން އެކުގައި މަސައްކަތް ކުރުމުގެ އަޒުމް މި ބައްދަލުވުމުގައި އާކުރެއްވިއެވެ.
ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް އިތުރުކުރަން ސައޫދީއާއެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ