ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކި ބަލައިގަތުމާމެދު މާދަމާ ސުޕްރީމް ކޯޓުން ހުކުމް ކުރަން ތާވަލުކޮށްފި އެވެ.
ދައުލަތުން ބުނަނީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވެފައިވާ 1.1 މިލިއަން ޑޮލަރަކީ ރިޝްވަތުގެ ފައިސާ ކަމަށެވެ. އެ މައްސަލައިގައި ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ޑިސެމްބަރު، 2022، ގައި އިއްވި އެވެ.
ނަމަވެސް ހައި ކޯޓުން އެ ހުކުމް ބާތިލުކޮށް އަލުން މައްސަލަ ބަލަން ދަށު ކޯޓުގެ މައްޗަށް އަމުރު ކުރީ އެވެ. ބަލައިގަތުމާމެދު ގޮތެއް ނިންމަން އުޅެނީ މައްސަލަ ދެ ވަނަ ފަހަރަށް ބަލަން ފެށުމުން ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކިތަކާމެދު އެވެ.
ޔާމީންގެ ފަރާތުން ބުނެފައި ވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވަނީ ޑޮލަރުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށެވެ. ހެކި ބަލައިގަތުމާމެދު ގޮތެއް ނިމެންދެން ދަށު ކޯޓުގެ ޝަރީއަތް އޮތީ މެދުކަނޑާލައިފަ އެވެ.
ހެކިތައް ބަލައިގަތުމާމެދު ޝަރީއަތުގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 8:45 ގަ އެވެ.
މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، އެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މީގެ ކުރިން ވެސް ޔާމީނަށް ޖަލު ހުކުމެއް އިއްވި އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ.
އެކަމަކު ސުޕްރީމް ކޯޓުން ނޮވެމްބަރު 2021، ގައި ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ފުއްގިރިއާއި އާރަށް މައްސަލައިގެ ތަހުގީގު އޭރު ވެސް ދިޔައީ ހިނގަމުންނެވެ.
ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް: ހެކިތައް ބަލައިގަތުމާމެދު މާދަމާ ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ