ށ. ޅައިމަގު ބޯޓެއްގެ ތެރޭގައި ބަންގްލަދޭޝަށް ނިސްބަތްވާ ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފެއްތިކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ލުތުފަރުގެ ވާރިސުންގެ ބަސް ހޯދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު 2019 ވަނަ އަހަރު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ޅައިމަގު ކަނޑު ބޭރަށް ފައްތާފައި ވަނިކޮށެވެ. އަދި ފެނުނުއިރު ކަށިތައް ފިޔަވައި އިތުރު އެއްޗެއް ނެތެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ބަންގްލަދޭޝްގެ ތިން މީހުން ކަމަށްވާ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހްތަރުގެ މައްޗަށެވެ. އަދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އެ ތިން މީހުން އެކަމަށް ކުރިން އެއްބަސްވި ނަމަވެސް ފަހުން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުގެ އެދުމުގެ މަތިން ތަހުގީގު ފުރިހަމަކޮށް، އަލުން ކޯޓަށް ހުށަހެޅި އެވެ.
ތަހުގީގު ނިންމުމަށްފަހު އަލުން ކުރި ދައުވާގައިވާ ގޮތުން ޅައިމަގު ބޯޓެއްގެ ތެރޭގައި އަލަމިން އާއި ލުތުފަރާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ބޯޓު ތެރެއަށް ލުތުފަރު ވައްޓާލުމަށްފަހު އަލަމިން އާއި ނޫރުލް އިސްލާމާއި އެމްޑީ އަހްތަރު ބައިވެރިވެގެން ލުތުފަރުގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްގެން އޭނާ މަރާލި އެވެ. އަދި އެއަށްފަހު ޅައިމަގުގެ ކަނޑު ބޭރުން 200 ފޫޓު ދުރަށް ލުތުފަރުގެ ހަށިގަނޑު ކަނޑު ފެއްތި ކަމަށް ދައުވާގައިވެ އެވެ.
އެ ޝަރީއަތް ކުރިއަށް ދަނިކޮށް އެމްޑީ އަހްތަރު ވަނީ ޖަލުގައި މަރުވެފަ އެވެ.
ދައުވާލިބޭ އަނެއް ދެ މީހުން ކަމަށްވާ އަލަމިން އަދި ނޫރުލް އިސްލާމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުކުމް އިއްވަން މިއަދު މެންދުރުފަހު 3:00 އިން މިރޭ 7:00 އާ ހަމައަށް ކުރިއަށް ގެންދިޔަ ދިގު އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ނިންމެވީ ލުތުފަރު މަރާލައި، އޭނާގެ ހަށިގަނޑު ކަނޑު ފެއްތިކަން އެ ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމަށް އެންމެ ބޮޑު ގަރީނާއެއްގެ ގޮތުގައި އޮތީ ތަހުގީގަށް އެމީހުން ދީފައި އޮތް ބަޔާނެވެ.
The most trusted news source in the Maldives
އެ ބަޔާނުގައި ލުތުފަރު މަރާލި ގޮތާއި އޭނާގެ ހަށިގަނޑު ކަނޑު ފެއްތި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައި ދިނުމުގެ އިތުރުން އެކަން ހިނގި ގޮތް އެ ދެ މީހުން ތަމްސީލުކޮށް ކުޅެފައިވެ އެވެ. އަދި އެ ބަޔާނުގައިވާ ގޮތުން ލުތުފަރު މަރާލާފައިވަނީ ޅައިމަގު ބަނދަރުގައި ބޯޓު އޮއްވާ ލުތުފަރުގެ ކަރާއި ނޭފަތުގައި އަތް އަޅައި ނޭވާ ހާސްކޮށްލައިގެންނެވެ.
އޭނާ މަރާލުމަށްފަހު ފައިގައި ވަލެއް އައްސައި މޫދަށް ހަށިގަނޑު ވައްޓާލި އެވެ. އަދި ޅައިމަގު ރަށު ތެރެއިން މީހުން މަދުވުމުން ލުތުފަރުގެ ހަށިގަނޑު ފަޅު ތެރެއިން ބޯޓަށް ނަގައި، ހަށިގަނޑުގައި ހަންތަކެއް އައްސައިގެން ކަނޑަަށް ބޭރު ކުރުމަށްފަހު އެ ހަށިގަނޑުގެ އެކި ހިސާބުތަކާއި ގަލާއި ގާ އަޅާފައި ހުރި ބަސްތާތައް އައްސައި ކަނޑަށް ފެއްތި އެވެ.
އެ ހުރިހާ ވާހަކައެއް އެއްވެސް ހިލާފެއް ނެތި ތިން މީހުން ވެސް ތަހުގީގަށް ކިޔައިދީފައިވެ އެވެ.
ގާޒީ ޝާފިއު އިއްވެވި ހުކުމްގައި ބުނީ އެ ތަފްސީލުތައް އެގޮތަށް އެހާ ސާފުކޮށް ހިލާފެއް ނެތި ކިޔައިދެވޭނީ އެކަން ކުރި ބަޔަކަށް އެކަނި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެމީހުން އިއުތިރާފުން ރުޖޫއަވެފައިވީ ނަމަވެސް، ތަހުގީގައި ވެފައިވާ އިއުތިރާފަކީ މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ދީފައިވާ ސައްހަ އިއުތިރާފެއް ކަމަށް ވެސް ގާޒީ ކަނޑައަޅުއްވާފައިވެ އެވެ.
ގާޒީ ވިދާޅުވީ ލުތުފަރާ މެދު ދައުވާލިބޭ މީހުން އިންތިހާއަށް ރުޅިވެރިކަމާއި އަދާވަތްތެރިކަން އޮތްކަން އެނގޭ ކަމަށެވެ. އަދި ލުތުފަރު މަރާލި ގޮތާއި އެއަށްފަހު އަމަލުކުރި ގޮތުން އެއީ ގަސްތުގައި އެމީހުން ކުރި ކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އަދި ލުތުފަރު މަރުވެފައިވަނީ ވެސް އެ ހަމަލާތަކުގެ ސަބަބުން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އެ މައްސަލާގައި އޮތް އެންމެ ބޮޑު ސުވާލަކީ ލުތުފަރަކީ ރާއްޖޭގައި އުޅުނު މީހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ނެތުމެވެ. އަދި އޭނާ ރާއްޖެއަށް އޭނާ އެތެރެވިކަމުގެ ލިޔުމެއް ވެސް ނެތްއިރު އޭނާގެ ޕާސްޕޯޓެއް ވެސް ނެތެވެ. އެހެންވެ، މަރުވި ކަމަށް ބުނާ ލުތުފަރަކީ ހަގީގަތުގައި ވެސް ރާއްޖޭގައި އުޅުނު މީހެއްތޯ، އެ ސުވާލަށް ހުކުމުގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެ އެވެ.
ގަސްތުގައި މީހަކު މަރާލުމުގެ ކުށް ޝަރުއީ ގޮތުން ސާބިތު ކުރަން މަރުވި މީހާގެ އައިޑެންޓީ މުހިންމުވެ އެވެ. އެއީ އެފަދަ މައްސަލައެއްގައި މަރަށް މަރު ހިފުމުގެ އުގޫބާތް ކަނޑައެޅޭނީ މަރުވީ ކާކުކަން ސާފުކޮށް އެނގިގެން ކަމަށްވާތީ އެވެ. އަދި އެ އަދަބު ކަނޑައެޅޭނީ ވާރިސުން އެގޮތަށް އެދޭ ނަމަ ކަމަށް ވާއިރު، ވާރިސުން ޔަގީން ކުރެވޭނީ މަރުވި މީހާއަކީ ކާކުކަން ޔަގީންވެގެންނެވެ.
ގާޒީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ލުތުފަރާ ގުޅޭ ލިޔުމަކީ އޭނާއަކީ ރާއްޖޭގައި އުޅުނު މީހެއް ކަން ސާބިތުވާނެ ހަމައެކަނި ހެއްކެއް ނޫނެވެ. އަދި ލުތުފަރަކީ ޅައިމަގުގައި ދިރިއުޅުނު މީހެއް ކަމާއި އަދި ކުރިމަގު ބޯޓުގައި މަސައްކަތް ކުރި މީހެއް ހެކިންގެ ހެކިބަހުންނާއި ދައުވާލިބޭ މީހުންގެ ބަހުން ވެސް އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ލުތުފަރުގެ ފޮޓޯއެއްގައި އެއީ އޭނާ ކަމަށް ބަޔާންކޮށް ދައުވާލިބޭ މީހުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.
ގާޒީ ވިދާޅުވީ މީހެއްގެ އައިޑެންޓީއަކީ ޕާސްޕޯޓް ނުވަތަ ލިޔުމަކަށް ބަރޯސާވާ ކަމެއް ނޫން ކަމަށެވެ. އަދި އެމީހަކީ ކާކުކަން ދެނެގަތުމަށް އެމީހާގެ އާއިލާ އާއި އެމީހަކަށް ދީފައިވާ ލަގަބު ފަދަ ކަންކަމަކީ ފުދޭނެ ހެކި ކަމަށް ގާޒީ ވިދާޅުވި އެވެ.
އިސްލާމީ ބައެއް އިލްމުވެރިންގެ ރައުޔުތަކަށް ރިއާޔަތްކޮށް، ގާޒީ ޝާފިއު ވިދާޅުވީ ރަސްމީ ލިޔުމެއް ނެތަސް، އެއީ ދިރިއުޅުނު މީހެއްކަން އެނގޭނަމަ އަދި އޭނާގެ އާއިލާ ސާބިތުވާނަމަ އެއީ ކާކުކަން ދެނެގަނެވޭނެ ކަމަށެވެ. އަދި އެކަން ދެނެގަންނަން އިލްމީ ވަސީލަތްތަކުގެ އެހީ ހޯދޭނެ ކަމަށާއި އެގޮތުން ޑީއެންއޭ އަކީ ބާރުގަދަ ހެއްކެއް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
އެ މައްސަލާގައި ކަނޑުން ނެގި ކަށިތަކުގެ ޑީއެންއޭ އާއި ބަންގްލަދޭޝްގައި ތިބި ލުތުފަރުގެ މަންމަ އާއި ބައްޕަ އަދި ދެ ދަރިންގެ ޑީއެންއޭއާ ދިމާވާތީ، އެއީ ޝަރުއީ ގޮތުން ކާކުކަން ދެނެގަނެވޭނެ ބާރުގަދަ ހެއްކެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ، މަރުވި މީހާއަކީ ދައުވާގައި ބުނާ ލުތުފަރު ކަން އިސްލާމީ ހަމަތަކުގެ މަތިން ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އެއާ އެކު، ލުތުފަރަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ މީހެއް ކަމަށް ވެސް ގާޒީ ކަނޑައެޅުއްވި އެވެ. އަދި ފުރާނައިގެ ރައްކާތެރިކަން ލިބެން ޖެހެނީ ރަސްމީ ވިސާއެއް އޮތުމުން އެކަނި ނޫން ކަމަށާއި އަދި ލުތުފަރަކީ ދައުލަތަށް ރަސްމީކޮށް އެނގޭ މީހަކަށް ނުވުމަކީ ޝަރުއީ ނިޔާ ބަދަލުވާނެ ކަމެއް ނޫން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގަސްތު މަރުގެ ކުށް އަލަމިން އަދި ނޫރުލް އިސްމާއިލްގެ މައްޗަށް ސާބިތުވެފައިވާތީ ދައުލަތުން ވަނީ ލުތުފަރުގެ ވާރިސުންގެ މައުލޫމާތު ސާފުކޮށް އެމީހުންގެ ބަސް ކޯޓަށް ހޯދޭނެ އިންތިޒާމު ކަމާބެހޭ އިދާރާތަކާ އެކު ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އެހެންވެ، ދެން އެ މައްސަލާގައި ބާއްވާނީ ވާރިސުންގެ ބަސް ހޯދުމުގެ އަޑުއެހުމަކާއި އަދަބު ކަނޑައަޅަން ބާއްވާ މަޖިލީހެވެ.
ލުތުފަރު މަރާލިކަން ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ، ވާރިސުންގެ ބަސް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ