މި އަހަރުގެ މޭ މަހު ޒަކާތުގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ބަލައިގަނެ، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ބަހައިފި

މި އަހަރުގެ މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން އެކި އެހީތަކަށާއި މަޝްރޫއުތަކަށް 2.7 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 7,587,956.14 ރުފިޔާ ބަލައިގަނެފައިވެއެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ޒަކާތު ފަންޑުން އެކި ބޭނުންތަކަށް ޖުމުލަ 2,685,834.30 ރުފިޔާ ވަނީ ދޫކޮށްފައެވެ. 2026 ވަނަ އަހަރުގެ މޭ މަހު ޒަކާތުގެ ގޮތުގައި ދޫކުރި ފައިސާގެ ތަފާސްހިސާނު... ފޮޓޯ/ ޒަކާތު ހައުސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޒަކާތް ބަލައިގަތް މިންވަރަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. 2025 ވަނަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 4.33 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ލިބުނު 7.59 މިލިއަން ރުފިޔާއަކީ 75.3 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުން ހޭލުންތެރިވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. މޭ މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން ޖުމުލަ 1,483,960.50 ރުފިޔާ މި ބަޔަށް ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ބޭސްފަރުވާގެ އެހީއަށް ދޫކުރި 1,452,960.50 ރުފިޔާ އާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ދޫކުރި 31,000.00 ރުފިޔާ ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަހު ދޫކުރި ފައިސާގެ ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ. 2026 ވަނަ އަހަރުގެ މޭ މަހު ޒަކާތުގެ ގޮތުގައި ދޫކުރި ފައިސާގެ ތަފާސްހިސާނު... ފޮޓޯ/ ޒަކާތު ހައުސްދީނީ އަދި ތައުލީމީ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށް 753,239.02 ރުފިޔާ އާއި، އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށް 246,989.40 ރުފިޔާގެ އިތުރުން މަތީ ތައުލީމަށް އެހީތެރިވުމަށް 37,008.00 ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ހިސާބުތަކަކީ ފިނޭންސް މިނިސްޓްރީގެ އެސް.އޭ.ޕީ ސިސްޓަމްގައިވާ ރެކޯޑުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެކެވެ. ޒަކާތު ހައުސްއިން ފާހަގަކުރާ ގޮތުގައި ފަހުން ލިބޭ މައުލޫމާތުތަކާ ގުޅިގެން މި ހިސާބުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ