ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ މުއާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ 65 ޕަސެންޓް ހޭދަކުރަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮޓެލް ޖެންގައި ބޭއްވި މިއަދު "ޗެޓް ވިތު ސީއީއޯ" ގައި ޝަރީފު ވިދާޅުވީ ޑޮލަރުގެ މުއާމަލާތްތަކުގެ މިންވަރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ހަތަރު ގުނައަށް އިތުރުވި ކަމަށެވެ.
ޝަރީފް ވިދާޅުވީ އެވްރެޖްކޮށް ކޮންމެ މަހަކު 39.3 މިލިއަން ޑޮލަރު (600 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ރުފިޔާ އެކައުންޓްތަކުން ހިންގާ މުއާމަލާތްތަކަށް ވިއްކާ ކަމަށާއި އޭގެ ތެރެއިން 25.5 މިލިއަން ޑޮލަރު (390 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ގެ މުއާމަލާތްތައް ހިންގަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށެވެ.
ޝަރީފު ވިދާޅުވީ ކާޑު މެދުވެރިކޮށް ބޭރުގެ ވެބްސައިޓްތަކުން ތަކެތި ގަންނަ ކަސްޓަމަރުންގެ އަދަދު ދެ ގުނަ އިތުރުވިއިރު، މަހެއްގެ މައްޗަށް 250،000 އާއި 300،000 ކަސްޓަމަރުން ކާޑުތަކުން އެފަދަ މުއާމަލާތްތައް ހިންގާ ކަމަށެވެ.
"އީކޮމާސްގައި މި ރީޖަންގައި މުއާމަލާތް އެންމެ ގިނައިން ކުރެވޭ އެއް ގައުމަށް ވެގެންދާނެ ރާއްޖެ. މިދެންނެވީ ނިސްބަތުން. މި ހުރިހާ ކުރިއެރުންތަކާ އެކު ވެސް ދިމާވާ މައްސަލައަކީ މި މުއާމަލާތްތައް ކުރެވޭ ގޮތް،" އޭނާ ވިދާޅުވި އެވެ.
"ފަސް އަހަރު ތެރޭގައި ހަތަރު ގުނައަށް އިތުރުވެފައި. އެވްރެޖްކޮށް މަހަކު 39.3 މިލިއަން ޑޮލަރު އެބަ ވިއްކޭ، ރުފިޔާ އެކައުންޓްތަކަށް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ކަމަށާއި އަދި ކާޑުގެ މުއާމަލާތްތައް އިތުރުވެގެން ދިއުމުން ބޭންކުގެ ފައިދާ އިތުރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އެކަން ބޭންކަށް ކުރެވޭނީ ޑޮލަރުން އެ ބޭންކަށް ލިބޭ އާމްދަނީ އިތުރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މި ވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު އާންމު ފަރުދުންގެ ބޭނުންތަކަށާއި ކާޑުގެ މުއާމަލާތްތަކަށް ވިއްކާފައި. މީގެ ތެރެއިން ގާތްގަޑަކަށް 60 ޕަސެންޓް ވިއްކިފައިވަނީ ކާޑުގެ މުއާމަލާތްތަކަށް،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކު ކަސްޓަމަރުންނަށް އުނދަގޫވާ ގޮތަށް ހިދުމަތްތައް މެދުކަނޑާލުމަކީ ވެސް ބޭންކުން ބޭނުންވާ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ކާޑު މުއާމަލާތްތަކުގެ 65 ޕަސެންޓް އީކޮމާސް ވެބްސައިޓްތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ