އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު، ޠާރިޤް އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ސަރުކާރަށް އަރުވައިފިއެވެ. ފަތްކޮޅު އަރުވާފައިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރ އުމަރު އުބައިދު އަލްޝަމްސީއަށެވެ.
މިބައްދަލުކުރެއްވުމުގައި އަލްޝަމްސީވަނީ އައު ސަފީރަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އެކި ދާއިރާތަކުން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޔޫއޭއީއިން އަބަދުވެސް ތައްޔާރަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަފީރު ތާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި އެގައުމުން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފުކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ސިނާއަތްތަކުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއަކީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ދެ ގައުމެވެ. މި ގުޅުން ދަނީ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބަދަހިވަމުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާ އައު ސަފީރަކަށް ތާރިޤް ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ތާރިޤް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހު 22 ގައެވެ. ތާރިޤް ވަނީ މި ސަރުކާރުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރުގެ މަގާމުވެސް ފުރުއްވާފައެވެ.
ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެމަޤާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ސަފީރުކަމުން ވަކިކުރުމާއި ގުޅިގެންނެވެ.
ޠާރިޤް ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީ ސަރުކާރަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ