މިހާރު ލަފާކުރަނީ ޓޫރިޒަމް މިދިޔަ އަހަރަށް ވުރެ ދަށްނުވާނެކަމަށް

މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖޭގެ ޓޫރިޒަމަށް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބޮޑު ގެއްލުމެއް ވިޔަސް އަހަރު ނިމޭ އިރު، އެ އިންޑަސްޓްރީ  މިދިޔަ އަހަރަށް ވުރެ ދަށް ނުވާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ މިއަހަރުގެ މާޗް މަހާއި އޭޕްރިލް މަހު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރިކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމަކީ މެދުއިރުމަތީގެ އެއާލައިންތަކަށް ވަރަށް ބޮޑަށް ބަރޯސާވާ އިންޑަސްޓްރީއަކަަށް ވާތީ ކަމަށެވެ. އެ ދެ މަސްދުަވަހު ރާއްޖޭގެ ޓޫރިޒަމަށް 24 ނުވަތަ 25 ޕަސެންޓްގެ ދަށްވުމެއް އައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ގެއްލުން ކުޑަކުރަން އެއާލައިންތަކަށް ހާއްސަ އެހީތެރިކަމެއް ދީގެން، ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ކުރި މަސައްކަތުން މި މަހު ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. 
"ތިން މަސްދުވަހު މިފަދަ ގެއްލުމެއް ވިޔަސް އަޅުގަނޑުމެންގެ މިހާރު ޕްރޮޖެކްޝަންސް އަކީ އަދި މިކުރެވޭ މަސައްކަތަކީ  މި އަހަރު ނިމޭ އިރުގައި، އެއީ ތާޑް ކުއާޓާ ނުވަތަ ފޯތު ކުއާޓާ ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ މިދިޔަ އަހަރަށް ވުރެން ދަށް ނުވުން. އެއީ އެފަދަ ބޮޑު ޑިކްލައިނެއް ތިން މަސްދުވަހު ވީމާ އެބައި ހިމަނައިގެން މިދިޔަ އަހަރަށް ވުރެން ދަށް ނުވެއްޖެއްޔާ އެއީ ދިވެހިރާއްޖެއަށް ހޯދޭ ވަރަށް ބޮޑު ކާމިޔާބީއެއް،" އަމީން ވިދާޅުވި އެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ކާމިޔާބު އަހަރު ކަމަށާއި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީގައި ބޮޑު ކުރިއެރުމެއް ލިބިފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ހަނގުރާމައިގެ ގެއްލުން ބޮޑުވީ ރާއްޖޭގެ ޓޫރިޒަމް މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބިނާވެފައި އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ގެއްލުން ކުޑަކުރީ އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ހާލަތު ބަލައި ފިޔަވަޅުތައް އަޅަން ރައީސް ޑރ.މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ކޮމިޓީ އާއި ޓުރިޒަމް އިންޑަސްޓްރީ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އޭގެ ތެރޭގައި ހާއްސަ ޕްލޭނެއްގެ ދަށުން އެއާލައިންތަކަށް އެހީތެރިކަން ދިނުމާއި މެދުއިރުމަތީގެ މަގު ނޫން މަގުތަކުން ރާއްޖެއަށް އާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. 
އިންޑަސްޓްރީއާއި ސަރުކާރު ގުޅިގެން އެކަމުގައި ކުރި މަސައްކަތްތަކަކީ މިސާލެއް ފަދަ މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ