ޗައިނާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ކުރިން ހިމެނުނު ގުއޯ ވެންގުއީ، އެއް ބިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ މުއާމަލާތްތަކެއް ހިންގިކަން ސާބިތުވެ، އެމެރިކާގައި 30 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގައި ކުރިން ނަން މަޝްހޫރުވި ގުއޯ 2017 ވަނަ އަހަރު ޗައިނާ ދޫކޮށް އެމެރިކާއަށް ހިޖުރަކުރީ އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީއަށް ފާޑުކިޔާ މީހެއްގެ ގޮތުގައި މަޝްހޫރުވެ، އިންޓަނެޓް މެދުވެރިކޮށް ގިނަ ބައެއްގެ ތާއީދު ހޯދަމުންނެވެ.
ނަމަވެސް، ފަހުން ގުއޯގެ މައްޗަށް ވަނީ ރޭވުންތެރިކަމާއެކު ކުށްކުރުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުވެފަ އެވެ.
ނިއުޔޯކްގެ ކޯޓުގެ ފަނޑިޔާރު އެނަލީސާ ޓޮރޭޒް ވިދާޅުވީ، ޗައިނާއަށް ޑިމޮކްރަސީ ގެންނަން ބޭނުންވި މީހުންގެ ނާޖާއިޒު ފައިދާ ގުއޯ ނަގާފައިވާ ކަމަށާއި، އޭނާގެ އަގުބޮޑު ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓީ އެ މީހުންގެ އަތުން އަތުލި ފައިސާއިން ކަމަށެވެ.
މައިލްސް ގުއޯ އަދި ހޯ ވަން ކުއޮކް ފަދަ އެކި ނަންނަމުން މަޝްހޫރުވެފައިވާ ގުއޯގެ މައްޗަށް ހުކުމް އިއްވިއިރު، ކޯޓު ރޫމް އޮތީ އޭނާއަށް ތާއީދުކުރާ މީހުންނާއެކު ފުރިފައެވެ.
ޗައިނާ ދޫކޮށް ދިއުމުގެ ކުރިން ގުއޯ ވަނީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން ބޮޑު މުއްސަނދިކަމެއް ހޯދައި، އެ ގައުމުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާފަ އެވެ.
ނަމަވެސް، ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރަން ފެށުމުން، އޭނާ ވަނީ އެމެރިކާއިން ހިމާޔަތް ހޯދާފަ އެވެ.
އެމެރިކާއަށް ބަދަލުވުމަށްފަހު ގުއޯ ވެގެންދިޔައީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހަކަށެވެ. އަދި އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންގެ މެދުގައި އޭނާ ވަނީ އިންޓަނެޓް މެދުވެރިކޮށް ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، 2018 އާއި 2023 އާ ދެމެދު ގުއޯ ވަނީ އިންވެސްޓްމަންޓްތަކާއި ކްރިޕްޓޯކަރަންސީގެ އެކި ސްކީމްތައް މެދުވެރިކޮށް، އޭނާއަށް ތާއީދުކުރާ މީހުންގެ އަތުން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދާފަ އެވެ.
އެ ފައިސާ ބޭނުންކޮށްފައިވަނީ ގުއޯގެ އަގުބޮޑު ދިރިއުޅުމުގެ ކަންކަމަށް ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ. އޭގެ ތެރޭގައި 50،000 އަކަފޫޓުގެ ގަނޑުވަރެއް ފަދަ ގެއަކާއި، އެއް މިލިއަން ޑޮލަރުގެ ލަމްބޯގިނީ ކާރެއްގެ އިތުރުން 37 މިލިއަން ޑޮލަރުގެ ޔޮޓެއް ހިމެނެ އެވެ.
ނަމަވެސް ގުއޯ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެ ފައިސާއަކީ އޭނާ ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ބޭނުންކުރި ފައިސާ އެވެ.
ޗައިނާގެ މަހުޖަނަކަށް އެމެރިކާގައި 30 އަހަރުގެ ޖަލު ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ