މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 25,000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމައިފި އެވެ.
ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ބައިވެރިވާ މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން، ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައިވާ 25,000 ރުފިޔާގެ އިތުރުން އެހެން އިނާމުތައް ވެސް ލިބޭނެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފަހަރުގެ އެކްސްޕޯއަކީ މާލީ ދާއިރާގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި ގިނަ އިނާމުތަކެއް ލިބިގެންދާނެ ހަރަކާތެކެވެ. އެގޮތުން އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އިނާމުތަކެއް ގުރުއަތުން ހޮވޭ ފަރާތްތަކަށް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެކްސްޕޯގައި ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، ފައިސާގެ އިނާމުތަކުގެ އިތުރުން ޗުއްޓީ ދަތުރުތައް ހިމެނެ އެވެ. އެގޮތުން އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކު ފަސް އައިޕެޑް ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މީގެ އިތުރުން ދެ މެކްބުކް ނިއޯ އާއި ދެ އެޕަލް އިއާޕޮޑް ވެސް ނަސީބުވެރިންނަށް ލިބިގެންދާނެ އެވެ.
މާލީ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ހަރަކާތުގައި ފައިސާގެ އިނާމުތަކުގެ ގޮތުގައި ތަފާތު އަދަދުތަކުގެ ގިފްޓް ކާޑުތައް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި 5،000 ރުފިޔާގެ ތިން ގިފްޓް ކާޑާއި، 1،000 ރުފިޔާގެ 12 ގިފްޓް ކާޑުގެ އިތުރުން 500 ރުފިޔާގެ 30 ގިފްޓް ކާޑު ހިމެނެއެވެ. އަދި ހާއްސަ ހަނދާނީ ނޫޓުގެ ގޮތުގައި ކޮންމެ ދުވަހަކު 5،000 ރުފިޔާގެ ހަތް ނޫޓު ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި އެކްސްޕޯގެ ނަސީބުވެރިންނަށް ލިބޭނެ އެންމެ ހާއްސަ އެއް އިނާމަކީ ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެކެވެ. މިއީ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ފުރިހަމަ ޗުއްޓީ ދަތުރެކެވެ. މި ހުރިހާ އިނާމުތަކަކީ ވެސް އާންމުންގެ މެދުގައި މާލީ ދާއިރާއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ދެވޭ އިނާމުތަކެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އޮންނާނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއީ ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާއިރު، މި ހަރަކާތުގެ ތެރެއިން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެކި ހިދުމަތްތައް ދޭ މުއައްސަސާތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ އެވެ.
އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މި އެކްސްޕޯއަށް ޒިޔާރަތްކޮށް، މާލީ މައުލޫމާތުތައް ހޯދުމާއެކު މި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ބޭނުންކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ދައުވަތު އަރުވާފަ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ: އަގުހުރި ގިނަ އިނާމުތަކަކާއެކު އެމްއެމްއޭގެ ބޮޑު އެކްސްޕޯ ޖުލައިގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ