ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބު

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ޚިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް، ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމުގެ ޢަޒުމު އައުކުރަމުން، ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދި މި ޚިދުމަތުގެ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ހުރިހާ ހީވާގި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.
ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށްވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައި ވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބައޮތެވެ. މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ވަނީ ފަހިވެފައެވެ. މި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އ.ތ.މ. ކޮމިޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު އެވަނީ ޙަޤީޤަތަކަށް ވެފައެވެ. ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގައިފައެވެ.
ރަށްތަކުގެ ޞިއްޙީ، ތަޢުލީމީ އަދި މިނޫން އިޖުތިމާޢީ ޚިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭ.ޓީ.އެމް.، ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު އަޅުގަނޑުމެން ޙަޤީޤަތަކަށް ހަދައިދީފީމުއެވެ. ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަމެވެ. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރާނަމެވެ. މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައެވެ.
ރާއްޖޭގެ ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޚިޔާލު ސަރުކާރުން ވަނީ ހޯދައިފައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެއެވެ.
އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްޤީއާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ވަމުން ދިޔުމެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ