ރައީސަށް ސުވާލެއް: މާލެއިން ލިބިފައިވާ ބިން ދޫކޮށްލުމުގެ ޝަރުތު އުވާލާނީ ކޮން އިރަކުންތޯ؟

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުން، އެ މީހުންނަށް މާލެއިން ލިބިފައިވާ އޮތް ގޯތި ދޫކޮށްލަން ޖެހޭ ގޮތަށް އޮތް ޝަރުތު އުވާލާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟- މިހާރު އޮންނަގޮތުން، މާލޭގެ މީހުންނަށް ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓު ނުވަތަ އެއަށްވުރެ ކުޑަ ބިމެއް ވިޔަސް، ރަޖިސްޓްރީކޮށްފައި އޮތް ނަމަ، އެތަނެއް ދޫކޮށްލަން ޖެހެ އެވެ. އެކަމަކު މިއީ އިންސާފެއް ނޫން ކަމަށާއި އެކަން ބަދަލު ކުރައްވާނެ ކަމަށް، ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު އެއަށް އަމަލު ކުރުން ލަސްވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވަނީ ރައީސަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް، އެ މީހުންނަށް މާލެ އިން ލިބިފައިވާ ބިން ބަދަލުކޮށް، އަމިއްލަކޮށް، ވިއްކާ ހެދުމަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުދޭ ކަމަށް ވަނީ މައުލޫމާތު ލިބިވަޑައިގެންފަ އެވެ.
އަދި އެކަން އުވާލެއްވުމަކީ ރައީސް ވިދާޅުވެފައިވާ ވާހަކަފުޅަކަށް ވާއިރު، މިހާ ހަމައަށް އައިއިރު، ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުން ލަސްވުމުގެ އިތުރުން، އެކަން ނިންމާނެ ތާރީހުތައް ދީ، އެ ތާރީހުތައް ފަހަނަ އަޅައިގޮސްފައިވާ ކަމަށް މެމްބަރު ވިދާޅުވި އެވެ.
އެހެންވެ އޭނާ ވަނީ، ކެމްޕޭން ޖަލްސާފައި ރައީސް ވިދާޅުވެފައިވާ ވާހަކަފުޅުތަކާ އެއްގޮތަށް، ކަންކަން ނިންމާފައިވާ ގޮތް ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އެ ކަންކަމަކީ:
ބިންވެރިޔާ ސްކީމުން، ހުޅުމާލެ ނުވަތަ އެނޫންވެސް ތާކުން ބިން ލިބުނު ފަރާތްތަކަށް މިހާރު މާލެއިން ލިބިފައިވާ ބިން، އެހެން ފަރާތަކަށް ބަދަލުކުރުން، ވިއްކުން ފަދަ އެ ބިމަށް ތަސައްރަފުކުރުމުގެ އެއްވެސް ކަމެއް ކުރުމުގެ ހުއްދަ އޮތްކަން ނުވަތަ ނޫންކަން
ބިންވެރިޔާ ސްކީމުގައި ބިން ލިބިފައިވާ މީހަކަށް، މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުގެ ކަންކަން ކުރަންވީތޯ އަދި އެކަން ކުރިއަށް ގެންދާނީ ކޮންގޮތަކަށްކަން
ބިންވެރިޔާ ސްކީމްގައި ހިމެނޭ މީހަކަށް މާލެއިން ލިބިފައިވާ ބިންކޮޅު އެހެން މީހަކަށް ދީ ނުވަތަ ވިއްކާލެވިދާނެތޯ؟
ބަންޑާރަގޯއްޗާއި ފްލެޓް ދޭއިރުގައި އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓްރީކޮށްފައި އޮތް ނަމަ، އެ ތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައިވާ ޝަރުތު އުވާލައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާ މެދު ނިންމާފައިވާ ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ