ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޓެކްސީ ދަތުރުތަކަށާއި ޑެލިވަރީ ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ "ގްރެބް" އަށް ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުންނުކުރެވޭ ކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެ އެވެ.
މިކަން ފެންމަތިވީ އިޖުތިމާއީ އެކި މައްސަލަތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރާ މިދުއަމް ސައުދު ހިއްސާކޮށްފައިވާ ޕޯސްޓަކާ އެކު އެވެ.
އޭނާގެ ޕޯސްޓުގައި ހިއްސާކޮށްފައިވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރަކު ގްރެބަށް ފައިސާ ދެއްކުމަށް ބީއެމްއެލްގެ ކާޑު ބޭނުން ނުކުރެވިގެން އެ އެޕްގެ ކަސްޓަމާ ސާވިސް އަށް މައްސަލަ ޖެއްސުމުން ލިބިފައިވާ ޖަވާބެވެ. ގްރެބުން ބުނެފައިވަނީ ބީއެމްއެލް ކާޑުން ފައިސާ ނުދެއްކުނީ ބޭންކުން އެ ޓްރާންސެކްޝަން ކުރިއަށް ގެންދަން ދެކޮޅު ހެދުމުން ކަމަށެވެ.
މިދުއަމް ބުނެފައިވާ ގޮތުގައި އެ ދަރިވަރު މި މައްސަލަ ބީއެމްއެލް އާއި ހިއްސާކުރުމުން ބެންކުން ވަނީ މިއީ ބެންކުގެ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ. ނަމަވެސް ގްރެބް އިން ވަނީ މިއީ ބީއެމްއެލްގެ ސަބަބުން ދިމާވި ކަމެއްކަން ކަށަވަރުކޮށްދީފަ އެވެ.
މި ޕޯސްޓަށް ރިޕްލައި ކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ މީހުންނަށް ވެސް މި މައްސަލަ ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެހެން ބެންކުތަކުގެ ކާޑުން ގްރެބަށް ފައިސާ ދެއްކޭ ކަމަށާއި ގްރެބް ނޫން އެޕް ތަކަށާއި ފިހާރަތަކަށް ބީއެމްއެލްގެ ކާޑުން ފައިސާ ދެއްކޭ ކަމަށް ބުނެފަ އެވެ.
ޝަކުވާ ހިއްސާކޮށްފައިވާ އެންމެން ވެސް ވަނީ މި މައްސަލަ ބީއެމްއެލް އާއި ހިއްސާކުރުމުން، މިއީ ބެންކުގެ މައްސަލައެއް ނޫން ކަމަށް ބުނެފައިވާކަން ފާހަގަކޮށްފަ އެވެ.
އަދި، ގްރެބް އަކީ ބްލޮކް ކޮށްފައިވާ މާޗަންޓެއް ނޫން ކަމަށް ބެންކުން ބުނާ ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.
ބޭރުގައި ދިރިއުޅޭ މީހުންނާއި ކިޔަވާ ދަރިވަރުން އަދި ޗުއްޓީ ހޭދަކުރުމަށް ގައުމުތަކަށް ދާ މީހުންނަށް ބީއެމްއެލްގެ ސަބަބުން އެކި އުނދުގޫތައް ކުރިމަތިވާ ކަމުގެ ޝަކުވާ އަބަދު ވެސް އަޑުއިވެ އެވެ.
އެގޮތުން ކާޑުތަކުގެ ހިދުމަތަށް ބުރޫއެރުމާއި އިންޓަނެޓް ބޭންކިން އަށް އާންމުކޮށް ދިމާވާ މައްސަލަތައް އަދި ވަކި ތަންތަނަށް ޕޭމަންޓު ހެދުމުގައި ދިމާވާ ދަތިތަކުގެ ވާހަކައަކީ ކޮންމެ ދުވަހަކު ހެން ސޯޝަލް މީޑިއާ އިން ފެންނަ ޝަކުވާތަކެކެވެ.
ބީއެމްއެލްގެ ކާޑުން "ގްރެބް" އަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތަކެއް ބީއެމްއެލްގެ ކާޑުން "ގްރެބް" އަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ