އަގުހެޔޮ ފުލެޓުތައް އަޅަން، ބީއެމްއެލް އެފޯޑެބުލްއިން ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، އަގުހެޔޮކޮށް ވިއްކާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރާނެ ކަމަށް މިއަދު ބުނެފިއެވެ. ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑް އުފެއްދީ، ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކެބިނެޓުން މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި، ނެޝަނަލް ހައުސިން އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓުގެ ދަށުންނެވެ. އެ ސިޔާސަތުގެ ދަށުން މާލީ އިދާރާތަކާ ގުޅިގެން، ލީސް ޓު އޯން ނުވަތަ ކުއްޔަށް ދިރިއުޅުމަށް ފަހު އަމިއްލަ ކުރެވޭ މޮޑެލްގެ ދަށުން އާންމުންނަށް ހައުސިން ޔުނިޓު ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެ ސިޔާސަތު ތަންފީޒު ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ގަވައިދެއް އެކުލަވާލައިފައެވެ. އެ ގަވައިދުގެ ދަށުން، އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް ސަރުކާރުގެ ހައުސިން ސްކީމަށް ޚާއްސަކުރަން ޖެހޭނެއެވެ. https://sun.mv/216017 އެމްއެމްއޭއިން އަންގައިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދިޔުމަށް، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން މިއަދު ވަނީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު، ހުޅުމާލޭގައި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެއީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކުގައެވެ. އޭގެ ތެރެއިން ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި، 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. އަދި ސީއެމްއީސީއާ ހަވާލުކުރީ، ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށެވެ. ބީއެމްއެލްއިން ވަނީ އެ ދެ ކުންފުންޏަކީ ވެސް ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގައިފައިވާ، ގާބިލުކަން ދައްކައިފައިދީފައިވާ ކުންފުނިތައްކަން ފާހަގަކޮށްފައެވެ. އެ ބެންކުގެ ތަރުޖަމާނު މުޙައްމަދު ސައީދު ވިދާޅުވީ، މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ހައުސިން ޔުނިޓްތަކުގެ މަސައްކަތްތަކެއް ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ ވެސް ހަވާލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. https://x.com/BMLSpokesperson/status/2005657091604910315 އެއާއެކު ޖުމުލަ 3000އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، މިހާތަނަށް އެ މަޝްރޫއުތަކަށް ހޮވާފައިވާ ކޮންޓްރެކްޓަރުން ހޮވާފައިވަނީ، އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑަޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގައެވެ. އެގޮތުން، އެއްބަސްވުން ހެދި ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުނިކަން ބެންކުން ފާހަގަކުރިއެވެ. https://sun.mv/213860 އެ ބެންކުން ވަނީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބުނެފައެވެ. އަދި ބީއެމްއެލްއާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭއިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. މާލެ ސަރަހައްދުގައި 3،000 ހައުސިން ޔުނިޓު އަޅަން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، އެ މަޝްރޫއުގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި 2،700 ޔުނިޓު އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ