އަންނަ މަހުން ފެށިގެން 10 ރުފިޔާގެ އައު ނޫޓުތަކެއް ދައުރުކުރަނީ

10 ރުފިޔާގެ ސްޓޮކް މަދުވުމާއި ބައުވެ ހަލާކުވާ ނޫޓުތައް އައުކުރުމަށް ރަންދިހަ ފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، މިއަދު ގެނައި އައު ނޫޓުތައް އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން މިހާރު ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއެމްއޭއިން ވިދާޅުވީ، 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށްވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޫޓު ބޭނުންކުރާ މިންވަރު ގިނަ ކަމަށެވެ. މީގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރު ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް އެ ނޫޓު ބޭނުންނުކުރާތީ، 10 ރުފިޔާގެ ނޫޓަކީ ބޭންކުތަކުންވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް ވިދާޅުވިއެވެ.
"ރަންދިހަ ފަހެއް" ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާ ނޫޓް ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު 05 ގެ ތާރީޚުގައި، އޭރު ހުންނެވި ގަވަރުނަރ އަޒީމާ އާދަމްގެ ސޮއާއެކުއެވެ. ދެވަނަ ފަހަރަށް ޗާޕްކޮށްފައިވަނީ، 2018 ވަނަ އަހަރުގެ މާރިޗު 10 ވަނަ ދުވަހު، ކުރީގެ ގަވަރުނަރ އަޙްމަދު ނަސީރުގެ ސޮއާއެކުގައެވެ.
އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ނޫޓު ސީރީޒް ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ބާ ނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައި ވަނީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި މި ނޫޓުގައި ވަނީ، 2025 ވަނަ އަހަރުގެ ޖުލައި 31 ގެ ތާރީޚެވެ. 10 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ، ނޫޓުގެ މޫނުމަތީގެ ވައަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.
ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕު ކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓާއެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.
ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާނޫޓު ބަދަލު ކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އާ ނޫޓު ބާޒާރުގެ ތެރޭގައި ދައުރު ކުރުމަށް ނެރެއެވެ. މިއީ، އިޤްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ނޫޓު ފޯރުކޮށްދިނުމަށާއި، ދައުރުވާ ނޫޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހުރި ނޫޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ