ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލުން މަޖިލީހުގެ އުމުރުން ކުޑަވާ ވަރު ނޭނގޭތީ ޓްރާންސްޕޭރެންސީން ވެސް ކަންބޮޑުވެއްޖެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ވޯޓުގައި އަހާ ސުވާލުގައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން 6 މަސް އުނިވާކަން ނެތުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީކިހިނެއް؟ - ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލުގައި 20 ވަނަ މަޖިލީހުގެ ދައުރުން ބައެއް އުނިވާކަން ހިމަނާފައި ނުވާތީ ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުމުންނެވެ. އެކަން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ވެސް އެބަ ހިނގަ އެވެ.
އެ ގޮތުން:
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ: ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ވަކީލުން ފާހަގަކުރާ ގޮތުގައި، މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ؛ އެހެން ނަމަ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ
ތަފްސީލް - ޓްރާންސްޕޭރެންސީން ވެސް ބުނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މަގުސަދަކީ ގާނޫނުއަސާސީއަށް ގެނެވޭ ވަކި ހާއްސަ ބަދަލުތަކަށްކަން ހިނގާ ގޮތުގެ މައުލޫމާތު ސާފުކޮށް އެނގި ތިބެގެން ރައްޔިތުންގެ ނިންމުން ހާމަކުރުން ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ދައުރާ ގުޅޭ ގޮތުން ގެންނަ ބަދަލެއް ހިމެނޭ ވޯޓެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
މެއި 2029ގައި ހަމަވާން އޮތް މިހާރުގެ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް ފަސް ނުވަތަ ހަ މަސް ކުރިން ނިމުމަކަށް އަންނާނެކަން ވޯޓުލާ މީހުންނަށް މި ސުވާލު ސާފުނުވާ ކަމަށް ވެސް ބުންޏެވެ.
"ގާނޫނުއަސާސީގައި ރައްޔިތުންގެ ރުހުން ހޯދުމަށް ކަނޑައަޅާފައިވާ ހަމައެކަނި ރަސްމީ ވަސީލަތަކީ މި ސުވާލު ކަމަށްވާއިރު މިހާރު އޮތް ގޮތުން، ފުރިހަމަ މައުލޫމާތާ އެކު ނިންމުމެއް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ފުރިހަމައަށް ލިބިގެން ނުވެ އެވެ،" ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ:
ވެރިކަން ހިންގުމާއި ދުސްތޫރާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ މުހިންމު ވޯޓެއް އޮއްވައި ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓްރީކުރަން ޖެހޭ އަދަދު ކުރީ އިންތިހާބުތަަކަށް ވުރެ %1233 އިތުރުކުރުން؛ އެ އަދަދު ހަމަނުވެގެން ބޭރު ގައުމުތަކުގައި ތިބި ދިވެހިން ވޯޓުލާން އެއްވެސް ފޮއްޓެއް ނުބެހެއްޓެވުން
ހިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕެއިނަށް ދެވުނު މުއްދަތު ކުރުވުން؛ އެއީ ހިޔާލު ހޯދުމުގެ ވޯޓުތަކަށް އޮންނަ ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ 'ވެނިސް ކޮމިޝަންގެ ރިވައިޒްޑް ކޯޑް އޮފް ގުޑް ޕްރެކްޓިސް އޮން ރެފެރެންޑަމް'ގައި ބަޔާންކުރާ މުއްދަތަށް ވުރެ ވެސް ކުރު މުއްދަތެއް
ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ވެސް ވޯޓުލާ މީހުންގެ ނިސްބަތަށް ބެލުމެއް ނެތި ޖުމުލަ ވޯޓުގެ %50އަށް ވުރެ މަތިން ލިބިގެން ފުދޭ ގޮތަށް ގާނޫނުގައި އޮތުމުގެ ސަބަބުން
މި ކަންކަން ރަނގަޅު ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ބައެއް ކަންކަން ވެސް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ:
ކުރިއަށް އޮތް ތަނުގައި ހިޔާލު ހޯދުމުގެ ވޯޓުތަކުގައި، ހުށަހަޅާ ކަންތަކަށް އެއްކޮޅަށް ހުރި ކަންކަމާއި ދެކޮޅަށް ހުރި ކަންކަން ހިމެނޭ ފުރިހަމަ މައުލޫމާތު ޝާއިއުކުރުން
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓުގެ ކުރިއަށް ރައްޔިތުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޖިލީހުން ވެސް ބިލު ފާސްކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މީހުންގެ ހިޔާލު ހޯދުން
ހިޔާލު ހޯދުމުގެ ވޯޓުގެ ގާނޫނު އިސްލާހުކުރުން؛ މި ވޯޓުގެ ކެމްޕެއިން ކުރުމަށް ހުޅުވާލާ މުއްދަތު ދިގުކުރުމާއި ކެމްޕެއިން ފައިސާގެ އޮނިގަނޑެއް އެކުވާލުމުގެ އިތުރުން ގާނޫނުއަސާސީ ބަދަލު ގެންނަ ހުށަހެޅުންތައް ކާމިޔާބުވާ މެޖޯރިޓީ ނިސްބަތް ބޮޑުކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ