މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަން ގަވައިދެއް ހަދަނީ

ރަށްރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުންނަށް އަދަބު ދެވޭ ގަވައިދެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
ތަފްްސީލް - މިފަދަ ގަވައިދެއް އެކުލަވާލަނީ ބަޔަކަށް އަދަބު ދިނުމުގެ ބޭނުމުގައި ނޫން ކަމަށާއި ބޭނުމަކީ ހޭލުންތެރިކުރުން ކަމަށް ތޯރިގު ވިދާޅުވި އެވެ.
"ނަމަވެސް މަދު ފަހަރެއްގައި އަދިވެސް އެބަ ދިމާވޭ މޫދަށް ކުނިއެޅުން. ރަށްރަށުގައި ކުނިއަޅަން ނުޖެހޭ ތަންތަނަށް ކުނިއެޅުން، ގޮނޑުދޮށަށް ކުނިއެޅުން. މިކަންތައްތައް ކުރާ މީހުން އަޅުގަނޑުމެން މި ގަވައިދުގެ ދަށުން ލަޔަބަލް ކުރުވާނަން. އަދި ޖޫރިމަނާ ކުރަންޖެހޭ ނަމަ ޖޫރިމަނާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަކީ އިގްތިސޯދާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ މިކަންތައް ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ.
"ރައްކާތެރިގޮތުގައި ކުނި މެނޭޖުނުކޮށް، ވެށި ހަލާކުވެދާނެކަންތައް ކުރާ ފަރާތް ހާއްސަކޮށް ކުނި އަޅާ ފަރާތްތައް، މޫދަށް ކުނިއަޅައިފި ނަމަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އެ ފަރާތްތައް ޖޫރިމަނާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ