އިންޑިއާގެ ކައިވެނި ޕާޓީއެއްގައި ބިރިޔާނީގެ މައްސަލައެއްގައި ބޮޑު މާރާމާރީއެއް ހިންގައިފި
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަމްރޯހާގައި ބޭއްވި ކައިވެނި ޕާޓީއެއްގައި ކާންދިން ބިރިޔާނީގައި ކުކުޅު ފައި ނެތް ކަމަށް ބުނެ އުފެދުނު ދެބަސްވުމެއް ބޮޑު މާރާމާރީއަކަށް ބަދަލުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ކައިވެނީގެ ރަސްމިއްޔާތަށްފަހު މެހެމާނުންނަށް ކެއުން އިންތިޒާމުކޮށްފައި އޮތް ވަގުތުގައެވެ. އިންޑިއާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މައްސަލަ ފެށުނީ ފިރިހެން ކުއްޖާގެ ފަރާތުން އައި މެހެމާނުންނަށް ދިން ބިރިޔާނީގައި ކުކުޅު ފައި ނެތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. މިކަމާ ގުޅިގެން ކައިވެނި އިންތިޒާމުކުރި ފަރާތާއި މެހެމާނުންނާ ދެމެދު ފެށުނު ޒުވާބު ހޫނުވެ، އެންމެ ފަހުން ބޮޑު މާރާމާރީއަކަށް ބަދަލުވީއެވެ. https://x.com/IndiaToday/status/2038321693736030436 މީސްމީޑިއާގައި މިހާރު ވައިރަލްވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޕާޓީ ބޭއްވި ބޮޑު ހޯލު ތެރޭގައި މީހުން އެކަކު އަނެކަކަށް ހަމަލާދީ، ގޮނޑި އާއި މޭޒު ފަދަ ތަކެތި އުކާ މަންޒަރު ފެނެއެވެ. އަދި ކާތަކެތި އަޅާފައި ހުރި ބޮޑެތި ތެލިތައް ކައިރީގައި ވެސް މީހުން ތޮއްޖެހި، ބޭނުންވާ މަސްކޮޅު ހޯދުމަށް މަސައްކަތްކުރާ މަންޒަރު ފެނެއެވެ. މި ހާދިސާގެ ސަބަބުން އުފާވެރި ކައިވެނީގެ ހަފުލާ ވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެ، އެތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންނަށް ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ނުވުމުން އެންމެ ފަހުން ފުލުހުންނަށް ގުޅައިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ފުލުހުން ގޮސް ދެ ފަރާތުގެ މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށްފައިވާއިރު، ވީޑިއޯތަކުގެ އެހީގައި ހަމަނުޖެހުން ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ކުޑަ ކަމަކާ ގުޅިގެން މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގުމުން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ފާޑުކިޔަމުންނެވެ. އަދި މި މައްސަލައިގައި ޕާޓީ ބޭއްވި ހޯލަށް ލިބުނު ގެއްލުންތައް ފުލުހުން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ