އުރްބާނީ އަށް ދިވެހި ފުޓްބޯޅައާ މެދު ބޮޑު އުންމީދެއް އޮތީ ދެމެހެއްޓެނިވި ސަޕޯޓާ އެކު އުރްބާނީ އަށް ދިވެހި ފުޓްބޯޅައާ މެދު ބޮޑު އުންމީދެއް އޮތީ ދެމެހެއްޓެނިވި ސަޕޯޓާ އެކު

ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު ގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ފަރާތެއްގެ ސަޕޯޓް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން ކުޅުނު ފަހު މެޗުގައި، އިއްޔެ ހަވީރު ފަހު ވަގުތު 2-1 އިން ޓިމޯ ލެސްޓޭ ބަލިކޮށް ރާއްޖޭން ކޮލިފައިން ނިންމާލީ ތިން ވަނައިގަ އެވެ. މި މެޗުގެ ކުރިން ކޮލިފައިންގައި ރާއްޖޭން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
އިއްޔެގެ މެޗަކީ، މިދިޔަ ތިން އަހަރު ތެރޭ ރާއްޖޭން އަމިއްލަ ގައުމުގައި ކުޅެެގެން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މެޗަކުން މޮޅުވީ، 2023 ވަނަ އަހަރު ލ. ގަމުގައި ޕާކިސްތާން އަތުންނެވެ. ގަލޮޅު ދަނޑުގައި އެންމެ ފަހުން މެޗަކުން މޮޅުވީ، 2022 ވަނަ އަހަރު މާޗް މަހު އެކުވެރިކަމުގެ މެޗަކުން ބަންގްލަދޭޝް އަތުންނެވެ. އޭގެ ފަހުން، ގަލޮޅު ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ރާއްޖެ އަށް މޮޅެއް ނުލިބޭއިރު، ރާއްޖޭގެ ދަނޑުގައި އެންމެ ބޮޑު ހަތިޔާރަކަށް ވެފައި އޮންނަ ދިވެހި ސަޕޯޓަރުންގެ ސަޕޯޓް އަންނަނީ ފަޑުވަމުންނެެވެ.
"އަހަންނަކީ ވެސް ކުރިން ކުޅުންތެރިއެއް. އެ ތަޖުރިބާ ވެސް އެބަހުރި، އެ ކަމާ ވެސް އެކުގައި މި ބުނަނީ ކުޅުންތެރިންނަށް އެބަދުވެސް ޖެހޭނެ ހިތްވަރު ދޭން. އަބަދުވެސް އެ ކުޅުންތެރިން ބޭނުންވާނެ ސަޕޯޓް،" އިއްޔެގެ މެޗަށް ފަހު އުރްބާނީ ބުންޏެވެ.
ރާއްޖޭގެ ރަސްމީ ސްޓޭޑިއަމްގައި، މިދިޔަ ހަތަރު އަހަރު ރާއްޖޭގެ ގައުމީ ޓީމުން ޖުމްލަ އެކު ކުޅެފައިވަނީ ހަތަރު މެޗެވެ. އެއީ ވެސް ރާއްޖޭގެ ގައުމީ ޓީމަށް އެކި ގޮތްގޮތުން އަސަރުކުރާ ކަމެކެވެ.
"އަހަންނަށް ވެސް އެނގޭ މިދިޔަ އަހަރުތަކުގައި ކަންތައްވެގެން ދިޔަ ގޮތް، އަދި ކުރިމަތިވި އުނދަގޫ ހާލަތުތައް ވެސް. އެއީ އޭރުގެ ހާލަތު، އެކަމަކު ނަތީޖާ އަށް އަސަރުކުރާނެ ކަމެއް އެއީ ސަޕޯޓަރުންގެ ހިތްވަރު،"
އުރްބާނީ ބުނީ، މިސާލަކަށް އިއްޔެ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި މުޅި ދަނޑު، ރަތް ޖާޒީގައި ފުރިފައި އޮތްނަމަ، ކުޅުންތެރިންގެ ހިތްވަރުން ތަފާތު ފެންނާނެ ކަމަށެވެ.
"އެ ހުންނަ ވަރުބަލިކަމެއް އިހުސާސެއް ވެސް ނުވާނެ. ހަނދާނެ ގޮތް ހުސްވެ، ހުއްޓިގެން ހުރެވޭ ވަގުތު ކުޅުންތެރިންނަށް ހިތްވަރު ލިބެނީ ސަޕޯޓަރުންގެ އެ ދޭ ސަޕޯޓުން. އެ ހުއްޓިގެން ނުވާނެ. ކުޅުންތެރިންނަށް އަބަދުވެސް ސަޕޯޓް ބޭނުންވާނެ،" އުރްބާނީ ބުންޏެވެ.
އިއްޔެގެ މެޗުގައި ހިނގައިދިޔަ ގިނަ ކަންތައްތަކަކީ އޭނާ ބޭނުންވި ގޮތަށް ދިޔަ ކަންކަން ނޫން ކަމަށާއި ހަގީގަތަކީ ގައުމީ ޓީމު މިހާރު އޮތް ހާލަތު ދަސްކުރުމާއި މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ހުރި ނެތް ގޮތް ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި، އެ ކަމަށްޓަކައި، ރާއްޖޭގެ ފުޓްބޯޅަ ކޯޗުންނާއި ސަޕޯޓަރުންނާއި ކުޅުންތެރިންނާ ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރަން ބޭނުންވާ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
"ވަން މޭން ޝޯއެއް ހިންގާކަށެއް ނޫން މި ހުރީ، އަހަރެން އެންމެންގެ ސަޕޯޓް ބޭނުންވާނެ،" ރާއްޖޭގެ ގައުމީ ޓީމަށް މީގެ ކުރިން، 2009 އިން 2013 އަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން އުރްބާނީ ބުންޏެވެ.
ގައުމީ ޓީމަށް ދެން އޮތީ ޖޫން މަހު ބާއްވަން ރާވާފައި އޮތް ފޯ ނޭޝަންސް ކަޕް އެވެ. އެއީ، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އިންވިޓޭޝަނަލް މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ