ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑު ފެރީގެ ހިދުމަތް ލ. އަތޮޅުގައި ފަށައިފި އެވެ.
ވީ ކިހިނެއް؟ - ލ. ފޮނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
ތަފްސީލް - އެ ހިދުމަތް ރަސްމީކޮށް ފެށީ މިއަދެވެ. އަދި ކަސްޓަމަރުން އެ ހިދުމަތަށް އަހުލުވެރިކޮށްދިނުމަށްޓަކައި މި މަހު 7ގެ ނިޔަލަށް އެ ހިދުމަތް ދޭނީ ހިލެ އެވެ.
އޭގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލްއަށް އަހުލުވެރިކޮށް، އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމާއި ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
ހިލޭ ދަތުރުކޮށްދޭ މުއްދަތުގައި ފެރީގެ ހިދުމަތް ހޯދަން ގުޅަން ޖެހެނީ އެ ރަށެއްގެ ކައުންސިލަށެވެ. އަދި މި މަހު 8 އިން ފެށިގެން ފެރީ ދަތުރުތަކުން އަގު ނަގަން ފެށުމާ އެކު ޓިކެޓު ގަނެވޭނީ އާރުޓީއެލް ވެބްސައިޓުން ނުވަތަ އާރުޓީއެލް ޓްރެވަލް އެޕުންނެވެ.
ލ. އަތޮޅުގައި ފެރީ ހިދުމަތް ދޭނީ ހަފްތާއަކު ހަ ދުވަހު، ދެ ފެރީ މެދުވެރިކޮށް، ދެ ރޫޓަކުންނެވެ.
އެނގުން މުހިންމު - ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމާ އެކު މިހާރު ޖުމްލަ 15 އަތޮޅެއްގައި އެ ހިދުމަތް އަންނަނީ ދެމުންނެވެ.
އެމްޓީސީސީން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ލަފަޔާ އެކު ބާކީ އޮތް ފަސް އަތޮޅުގައި ވެސް އެ ހިދުމަތް ފަށަން ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ