ފަހި ފްލެޓުތަކުގެ ކުލި ކުޑަކޮށްދީ، ޑައުންޕޭމަންޓު އުނިކޮށް، ކުލި ނެގުން އަހަރަކަށް ފަސްކޮށްދޭން ގޮވާލައިފި ފަހި ފްލެޓުތަކުގެ ކުލި ކުޑަކޮށްދީ، ޑައުންޕޭމަންޓު އުނިކޮށް، ކުލި ނެގުން އަހަރަކަށް ފަސްކޮށްދޭން ގޮވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށާއި، އެ ފްލެޓުތަކުގެ ވެރިން އަތުން ނަގާފައިވާ ޑައުންޕޭމަންޓު އުނިކުރުމަށް ފަހު ކުލި ނެގުން އެއް އަހަރަށް ފަސް ކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޔޫނިއަނުން މި ގޮތަށް ގޮވާލީ އެޕްރީލް ހަތަރެއްގައި އޮންނަ އާންމު އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ބަދަލުކޮށްފައި ވަނިކޮށެވެ.
މިއަދު ނެރުނު ބަޔާނެއްގައި ފަހި ޔޫނިއަނުން ވަނީ މިދިޔަ ސަރުކާރުގައި ކަނޑައަޅާފައި އޮތް ގޮތަށް ކުލި ނެގުމަށް ގޮވާލާފަ އެވެ. އެގޮތުން، މެއިންޓަނަންސް ފީ ހިމަނައިގެން ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ 6،000ރ. ކަމަށްވާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔެއްގެ ގޮތުގައި އެ ސަރުކާރުން ކަނޑައެޅީ 8،000ރ. އެވެ.
"މި ހިނގަމުންދާ ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ކަނޑައަޅާފައިވާ ކުއްޔަކީ ދެ ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާ. އަދި ތިން ކޮޓަރީގެ ފުލެޓެއްގެ އަގު މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާ،" ފަހި ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އެ އެޕާޓްމަންޓުތަކަށް ނަގާފައިވާ ޑައުންޕޭމަންޓު އުނިކޮށްދިނުމަށާއި މިހާރު ދީފައިވާ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް (ކުލި ދައްކަން ނުޖެހޭ މުއްދަތު) ތިން މަހުން ހަ މަހަށް ނުވަތަ އެއް އަހަރަށް ބަދަލުކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.
ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.
"އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓް ތަކެކޭ އެއްފަދައިން މި 4000 ފުލެޓްގެ އެއްބަސްވުން 'ގަނެވިއްކުމުގެ' އެއްބަސްވުމަކަށް ބަދަލުކޮށްދެއްވުމަށް އެދި ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ގޮތަށް ޔޫނިއަނުން ގޮވާލީ މި ސަރުކާރުން ފްލެޓު ތަކަށް ދޫކޮށްފައިވަނީ "ކުލީގެ" އެއްބަސްވުމެއް ކަމުން ފްލެޓު ލިބުނު އާއިލާތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވުމުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.
އާންމު އިންތިހާބަށް ހަތަރު ދުވަސް އޮއްވައި ސަރުކާރުން މިފަދަ ބޮޑު ލުޔެއް ހިޔާ ފްލެޓުތަކަށް ދިނުމުން އާންމުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެޗްޑީސީން މިކަން ކޮށްފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ.
ހިޔާ ފްލެޓުތަކުގެ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. (އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި) ރޭޓުންނެވެ.
އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް (ދެ އަހަރާއި އެއް މަސް) ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.
ސަރުކާރު އަދި އެޗްޑީސީގެ ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު މި ބަދަލު ގެންނަން ނިންމެވި ނަމަވެސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބައެއް އިސްވެރިން ފުރަތަމަ ތިއްބެވީ މިކަމާ ދެކޮޅަށެވެ.
"އެއީ ކުންފުންޏަށް ވާނެ މާލީ ގެއްލުން ބޮޑުކަމުން. މިހާރު މިދާވަރަށް ކުންފުނި ގޯސްވެގެން ދާނަމަ އަންނަ އަހަރު ކުންފުނި ހިންގުމަށް އިންތިހާއަށް ދަތިވާނެ،" އަދަދު ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.
މިއީ ސީދާ ރައީސްގެ ނިންމެވުމަކަށް ވާތީ، ކުންފުންޏަށް ގެއްލުން ވިޔަސް އެކަން އެގޮތަށް ކުރިއަށް ގެންދަން މަޖުބޫރުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
"ކުންފުންޏަށް ގެއްލުން ވިޔަސް އެކަން ކުރިއަށް ގެންދަން ނިންމީ ރައީސްގެ ނިންމެވުމަކަށް ވާތީ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ނިންމުން އެންމެ ފަހު ވަގުތު ނިންމަން ޖެހުނު ސަބަބާ ބެހޭގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ، މީގެ ފަހަތުގައި އޮތީ ކުރިއަށް އޮތް އިންތިހާބީ މަސްލަހަތުތަކެއް ކަމަށެވެ.
"ހުޅުމާލޭގެ ބައެއް ދާއިރާތައް ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރުން އުނދަގޫވާނެ ކަމަށް ބެލެވުން. އަދި ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުން،" މައުލޫމާތު ދިން އެކަކު ބުންޏެވެ.
މި ބަދަލާއެކު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ދައުލަތުގެ ކުންފުންޏެއްގެ މާލީ ހަމަޖެހުމަށް ދިގު މުއްދަތުގައި މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް އެޗްޑީސީގެ ބައެއް އޮފިޝަލުން އަދަދު ނޫހަށް މީގެކުރިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ