ސްވިފްޓުން ރާއްޖެ ސަސްޕެންޑެއް ނުކުރޭ؛ ޓީޓީ ވެސް ހެދޭ: ޝަރީފް

މާލީ އިދާރާތަކާއި ބޭންކުތަކުގެ މެދުގައި މުއާމަލާތްތައް ކުރާ ބައިނަލްއަގުވާމީ ނިޒާމު ކަމަށްވާ ސްވިފްޓުން ރާއްޖެެ ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ޓީޓީ ފަދަ ކްރޮސް ބޯޑާ ޓްރާންސެކްޝަންސް ނުހެދޭ ކަމަށް ބުނެ އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފަ އެވެ.
ތަފްސީލް - ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓަކުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ބީއެމްއެލްއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.
"ނޫސްތަކުން ވެސް އަޅުގަނޑުމެންނަށް ގުޅާ ސާފު ކުރަން އެދުނު އެއް ވާހަކައަކީ ސްވިފްޓުން ވަނީ ބޭންކު ސަސްޕެންޑުކޮށްފައި ކަމަށާއި އެހެންކަމުން ޓީޓީ ފަދަ ކްރޮސް ބޯޑާ ޕޭމެންޓްސް ނުހެދެއޭ. އަދި ބޭންކުގެ ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާއެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.
މި ވާހަކަތައް ދޮގުކުރައްވައި ޝަރީފް ވިދާޅުވީ މިއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
"ސްވިފްޓުން ސަސްޕެންޑެއް ވެސް ނުކުރެއޭ. ބޭންކުގައި ބޭރު ފައިސާގެ ލިކުޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި. އަދި ނޮސްޓްރޯ އެކައުންޓުތަކުގައި ހުންނަން ޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކްރޮސް ބޯޑާ ޕޭމެންޓުގެ ހިދުމަތް ކާޑު އަދި ޓީޓީ މެދުވެރިކޮށް ދެމުން އަންނަ ކަމަށެވެ.
"ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާ ނުހުންނަ ނަމަ އިންޓަނޭޝަނަލް ޕޭމެންޓުގެ އެއްވެސް ހިދުމަތެއް ބޭންކަކަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ކްރޮސް ބޯޑާ ހިދުމަތްތައް ހިމެނޭހެން ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދެމުން އަންނައިރު، ހާއްސަކޮށް މިވަގުތު އިގްތިސޯދީ ގޮތުން މިއޮތް ހައްސާސް ހާލަތުގައި މިފަދަ ދޮގު ވާހަކަތައް ދެއްކުމަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކުގެ ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ބޭންކާ މެދު ނުބައި ތަސައްވަރެއް އުފެދޭނެ ކަމެކެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމާއި އިގްތިސޯދަށް ގެއްލުން ދިނުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭންކާ ގުޅޭ މައުލޫމާތު ދޭނީ ސީދާ ބޭންކުން ނޫނީ އެމްއެމްއޭ އިން. ކާކުކަން ނޭނގޭ ގޮތަށް އަދި ބޭންކުން ދޭ ސައްހަ މައުލޫމާތަށް ބިނާ ނުކޮށް ފަތުރާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ