މާލެއާއި ސިޓީތައް އީދަށް ދިއްލަން ހަރުކުރި ލައިޓުތަކަށް ޚަރަދުވީ، އަށް މިލިއަން ރުފިޔާ

މިއަހަރުގެ ފިތުރު އީދުގައި އީދު ލައިޓު ހަރުކުރީ، ހަމައެކަނި ސިޓީތަކުގައި އެކަނި ކަމަށްވާއިރު، އެ ތަންތަނުގައި ހަރުކުރި ލައިޓުތަކަށް ޚަރަދުވީ އަށް މިލިއަން ރުފިޔާ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ފިތުރު އީދުގައި ލައިޓުތައް ހަރުކުރީ މާލެ ހިމެނޭހެން ހަމައެކަނި ސިޓީތަކުގައެވެ. އެއީ ވެސް ވަކި ސަރަހައްދުތަކެއްގައި އެކަންޏެވެ. https://sun.mv/219085 'ސަން'އިން ސުވާލުކުރުމުން ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު މިއަދު ވިދާޅުވީ، އެ ލައިޓުތައް ގެނެސް، ހަރުކުރުމާ އެއްކޮށް ޚަރަދުވީ އަށް މިލިއަން ރުފިޔާ ކަމަށެވެ. އަދި، މި ފަހަރު އީދަށް ސިޓީތައް ދިއްލުމަށް ކުރިން ބޭނުންކޮށްފައި ހުރި ބައެއް ލައިޓުތައް ވެސް ބޭނުންކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ ފިތުރު އީދުގައި ވަނީ، 65 ރަށެއްގައި ލައިޓުތައް ހަރުކޮށްފައެވެ. އޭގެތެރެއިން، 36 ރަށަކަށް އީދު ލައިޓު ގެނައުމަށް ވަނީ 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އީދަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިއްލުންތައް ދިއްލައި ޒީނަތްތެރި ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ކަމެކެވެ. އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި މީގެ ބޭނުމަކީ އީދުގެ އުފާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ