އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން ނުދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެ ކޮމިޝަންގެ އޮފީހުގައި އިހްތިޖާޖު ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 11 އިން ފެށިގެން އެމްޑީޕީގެ ޓީމެއް ދަނީ އޭސީސީއަށް ވަދެ، އެތަނުގައި އިހްތިޖާޖު ކުރަމުންނެވެ. އަދި އެ އިހްތިޖާޖުގެ ތެރެއިން އޭސީސީގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ.
ތަފްސީލު - މި އިހްތިޖާޖުގައި އިސްކޮށް އުޅުއްވާ އެމްޑީޕީ ގައުމީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް އަހްމަދު ސަލީމް (މާޒް ސަލީމް) 'ދައުރު'އަށް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ ހިޔާނާތްތަކާ ގުޅޭ ޖުމްލަ 22 މައްސަލައެއް ހުށަހެޅި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ނުބެލޭތީ އޭނާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
"އެ 22 މައްސަލަތަކުގެ ތެރެއިން ހަތަރު ވަރަކަށް މައްސަލައަކީ އިންތިހާބާ ގުޅުން ހުރި މައްސަލަ. ހޮނިހިރު ދުވަހު އިންތިހާބު އޮންނަ އިރު، މިއިން އެއްވެސް މައްސަލައެއް ނުބެލި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެހެންވެ އަޅުގަނޑުމެން މިތިބީ އިހްތިޖާޖުގައި ކޮމިޝަންގެ ވެރިންނާ ބައްދަލު ކުރުމަށް އައިސް،" ސަލީމް ވިދާޅުވި އެވެ.
"މި މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ނަމަ، އަތިރިމައްޗަށް ފައިބައިގެން ސަރުކާރަށް ވައްކަމެއް ނުކުރޭނެ."
ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމެވިކަން މިދިޔަ ފެބްރުއަރީ މަސް ތެރޭ ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ. އެއީ އިންތިހާބަށް ދިން ރިޝްވަތެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، ރައީސް ވަނީ އެކަން ދިފާއު ކުރައްވާފަ އެވެ.
މާޒް ސަލީމް ވިދާލުވީ 1 ލައްކަ ރުފިޔާގެ އެލަވަންސްގެ މައްސަލަ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެ ޕާޓީގެ ފަރާތުން ހުށަހެޅި ކަމަށެވެ. އަދި އެ ކޮމިޝަނުން ދިން ޖަވާބަކީ އެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން އިންތިހާބުތައް އިންސާފުވެރިކޮށް، ނުފޫޒާއި ކޮރަޕްޝަނެއް ނެތި ބޭއްވުމަކީ އީސީއަށް މަތިކޮށްފައިވާ ޒިންމާއެއް. މިއަދު އެ ޒިންމާއިން އެ ކޮމިޝަން ވެސް މި ވަނީ ރެކިގެން. މިއީ ކަންކަން ހިނގައިގެންވާނެ މަގެއް ނޫން،" ސަލީމް އިތުރަށް ވިދާޅުވި އެވެ.
އިންތިހާބުގެ ވޯޓުލުމަށް ވަގުތު ކުޑަތަންވަމުން އަންނަައިރު، ސަރުކާރުން ވަނީ މި މަސް ތެރޭ ގިނަ ވަޒީފާތަކެއް އިއުލާންކޮށްފަ އެވެ. އަދި ބައެއް ތަންތަނުގެ މުވައްްޒަފުންގެ މުސާރަތައް ވެސް ދަނީ ބޮޑު ކުރަމުންނެވެ. އޭގެ އިތުރުން ހިޔާ ފްލެޓްގެ ކުލި ދެ އަހަރަށް ކަނޑާލާފައިވެ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި، މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަމެވެ.
އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ނުބަލާތީ އެމްޑީޕީން ފާޅު ކުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެ ކޮމިޝަންގެ ބަހެއް ނުލިބެ އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ މައްސަލަތައް 'ނުބަލާތީ' އިދިކޮޅުން އޭސީސީގައި އިހްތިޖާޖު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ