އަގުހެޔޮކޮށް ތެޔޮ ނުލިބޭތީ އުތުރުގެ މަސްވެރިކަން ހުއްޓުމަކަށް! އަގުހެޔޮކޮށް ތެޔޮ ނުލިބޭތީ އުތުރުގެ މަސްވެރިކަން ހުއްޓުމަކަށް!

ބޮޑު އަގުގައި ތެޔޮ ގަނެގެން މަސްވެރިކަން ކުރަން ނުކުންނަން ޖެހޭތީ އުތުރުގެ މަސްވެރިކަން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އިޒްރޭލާއި އެމެރިކާއިން އިރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ ތެލުގެ ބޮޑު ތާށިކަމެއް ކުރިމަތިވެފަ އެވެ. ރާއްޖޭގައި ދެ ފަހަރަށް ތެލުގެ އަގު އުފުލި، މިހާރު ތެޔޮ ލިބެނީ 100 ޕަސެންޓު އަގު ބޮޑުކަށެވެ.
ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މަސްވެރިންނަށް ވިއްކާ ތެޔޮ ވެސް މާކެޓު ރޭޓާ އެއްގޮތަށް ބޮޑުވި އަގުގައި ވިއްކާށެވެ. އެކަމަކު، ތެލުގެ އަގު ބޮޑުވެއްޖެ ނަމަ މަސްވެރިކަން ހުއްޓާލަންޖެހިދާނެ ކަމަށް މަސްވެރިން ބުނުމުން ސަރުކާރުން ވަނީ ސަބްސިޑީއެއް ދޭން ނިންމައިފަ އެވެ.
"މާލެއިން އުތުރުން ސަބްސިޑީ ތެޔޮ މަސްވެރިންނަށް ލިބެން އޮތީ ޅ.ފެލިވަރާ ހަމައަށް ގޮސްގެން. ހއ. އަތޮޅުން 28ރ. އަށް ތެޔޮ ލީޓަރެއް އަޅައިގެން ފުރައިގެން ދާނަމަ ތިން ފީފާ ތެޔޮ އަންދައިގެން ނޫނީ އަގުހެޔޮ ތެޔޮ ހޯދާކަށް ދެވޭކަށް ނެތް،" މަސްވެރި އިހަވަންދޫ ޕޭޖުގައި ބުނެފައިވެ އެވެ.
ސަބްސިޑީ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބެނީ މިފްކޯގެ ސެންޓަރުތަކުންނެވެ. މިފްކޯއަށް މަސް ކިރާ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނެ ކަމަށް ބުނެފައި އޮތީ 16.54ރ. އަށެވެ.
ރާއްޖޭގެ އުތުރުން އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ހއ. އިހަވަންދޫގައި މިވަގުތު ވެސް މަހަށް ނުފުރައި 12 މަސްދޯނި އޮތްކަމުގެ މައުލޫމާތު އެ ޕޭޖުން ވަނީ ހާމަކޮށްފަ އެވެ.
"މިހާރު ހުރި އަގުގައި ތެޔޮ އަޅައިގެން މަހަށް ފުރެން ނެތުމުގެ ސަބަބުން މަސްވެރިން ތިބީ މަހަށް ނުފުރި ގޮތް ހުސްވެފައި،" އެ ޕޭޖުން ބުނެފައިވެ އެވެ.
ސަރުކާރުން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިހަވަންދޫގައި ހުރި އެސްޓީއޯގެ ފިއުލް ޝެޑެއް ހުރިއިރު އެ ޝެޑުން ސަބްސިޑީ ތެޔޮ ލިބޭނެ ގޮތް ހަދައިދިނުމަށް ވަނީ ގޮވާލާފަ އެވެ.
އިހަވަންދޫގެ އޮޑިވެރިޔަކު ބުނީ މަސްވެރިންނަށް ހާއްސަ އަގުގައި ލިބޭ ތެޔޮ ހޯދަން އެތައް މޭލެއްގެ ރާސްތާއަކަށް ދުއްވާފައި ދާންޖެހެނީ ޅ. ފެލިވަރަށެވެ.
"އެހެންވެ، ބޮޑު އަގުގައި ތެޔޮ ގަނެގެން ލިބޭ އެއްޗަކުން ހަރަަދު ދެކޮޅު ނުޖެހޭނެތީވެސް މަހަށް ނުފުރިފަ ތިބަން މިޖެހެނީ،" އޭނާ ބުންޏެވެ.
މިފްކޯއަށް މަސް ކިރަނީ ދޮށީގައި މަސްވެރިކަން ކުރާ މަސްވެރިންނެވެ. ދޮށީގެ މަސްވެރިންގެ އިތުރުން ބޮޑުކަންނެލި މަސްވެރިންނަށް ވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ސަރުކާރުން އޮތީ މީގެ ކުރިން ބުނެފަ އެވެ.
އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ